23 Aug 2013, 22:39
އއ. ތޮއްޑުގައި ސިއްހީ މަރުކަޒަށް ވިހަންގެންދިޔަ މާބަނޑު އަންހެނަކު ސިއްހީ އެހީތެރިއެއްގެ އެހީއެއް ނުލިބި، ހަރުވާޅު ތެރެއަށް ވިހައިފި އެވެ. އޭނާ ވިހެއި އިރު އޮތީ ލޭބަރޫމަށް ނުވައްދާ ހޮސްޕިޓަލުގެ ވޯޑެއްގަ އެވެ.
ވޯޑުގައި ބާއްވާފައި އޮއްވައި ވިހޭ އަންހެން މީހާގެ ފިރިމީހާ މޫސާ އިމްތިޔާޒު ބުނީ އޭނާގެ އަންހެނުންގެ ދަރިފުޅަށް ބަލިވެ އިނީންސުރެ ބަރާބަރަށް މާލޭގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށެވެ. އަދި ރަށުގައި ވިހެއުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން ތޮއްޑު ސިއްހީ މަރުކަޒަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10:00 ހާއިރު ގެންދިޔައީ އަންހެނުން ވިހަން ބަނޑުގައި ރިއްސާތީ ކަމަށެވެ.
"މަރުކަޒަށް ގެންދިޔައީމަ ނަރުހުން ބުނީ ވިހާނީ ހަވީރު އޭ ވޯޑުގައި ބާއްވާށޭ. އެކަމަކު ފޫޅުމައަކު ބަލާފައި ބުނި ވަރަށް އަވަހަށް ވިހާނެއޭ. ޑޮކްޓަރުން އުޅުނީ ލޭ މައްޗަށް ދެއޭ ކިޔާފައި މާލެ ފޮނުވާލަން. އެމީހުން ބުނީ ރަށުގައި ނުވިއްސޭނެއޭ. އަޅުގަނޑު ކިހިނެތްތޯ ކުއްލިއަކަށް ލޯންޗެއް ހިފައިގެން މާލެ އަންނާނީ،" އިމްތިޔާޒު ބުންޏެވެ.
އޭނާ ބުނީ އަންހެނުން ލޭބަރޫމަށް ނުވައްދައި ވޯޑުގައި ބާއްވާފައި އޮއްވައި އަންގާރަ ދުވަހުގެ 2:30 ހާއިރު ވިހެއީ، އެއްވެސް ސިއްހީ އެހީތެރިއެއްގެ އެހީއާނުލައި ކަމަށެވެ. އަދި ވިހެއިކަން އެނގުނީ ކުއްޖަކު ރޯއަޑު އިވުމުން ކަމަށާއި އޭރު ނަރުހުންނަށް އާދެވެނުއިރު ދަރިފުޅުގެ ބޯ އޮތީ ނިކުމެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ވޯޑުގައި ބާއްވާފައި އޮންނައިރު ހޮސްޕިޓަލުގައި އުޅޭ ފޫޅުމައަކަށް ވެސް ނުވަދެވޭ. ނަރުސް ކުއްޖަކު ބަލާފައި އަދި ވިހަން ކައިރި ވެސް ނުވެއޭ ކިޔާފައި ދިޔަތާ ދިހަ މިނެޓް ވެސް ނުވޭ ވިހައިފި. އޭރު ވިއްސާ ނަރުސް ހުރި ކާން ގެއަށް ގޮސް. ފޫޅުމަޔަށް އަންގި ލައްވާނެ ވަގުތު ވެސް ނުވެ ވިހައިފި. އަންހެނުން ހަރުވާޅުތެރެއަށް ވިހެއީ އެހެން ބާއްވާފައި އޮއްވައި،" އިމްތިޔާޒު ބުންޏެވެ.
އިމްތިޔާޒު ބުނީ އޭނާ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި އަންހެނުން ވިހެއުމުގައި ހޮސްޕިޓަލުން ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މީހަކު ވިހެއުމާއި ވިއްސުން ތަފާތު ވާނެ އެއްނޫންތޯ. މިއީ ގުދުރަތީ ކަމަކަސް އެކަނި އޮވެ ވިހާއިރު ކިހާ މައްސަލައެއް ދިމާވާނެ އެއްނުންތޯ،" އިމްތިޔާޒު ބުންޏެވެ.
އެކަމާ ގުޅިގެން ތޮއްޑޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ހައްވާ ހުޝާމާ ވިދާޅުވީ އަންހެން މީހާ ވިހެއިރު ދެ ނަރުހަކާ ފޫޅުމަޔަކު ހުންނާނެ ކަމަށެވެ. އަދި ވޯޑުގައި ބާއްވާފައި އޮތީ އެ ވަގުތު ލޭބަރޫމަށް ވައްދަން ނުފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިހެއުމަކީ ގުދުރަތީ ކަމެއް ނުންތޯ. އަޅުގަނޑުމެންގެ އަތުގައި ވެސް ސިއްހީ ޚިދުމަތް ދޭނެ މާގިނަ އެއްޗިއްސެއް ނުހުރޭ،" ހުޝާމާ ވިދާޅުވި އެވެ.