23 Aug 2013, 21:25
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ތައިލޭންޑުގައި ކޭމްޕު ކޮށްގެންތިބި ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ތައިލެންޑުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން 3-2 އިން ބަލިވެއްޖެ އެވެ.
ތައިލެންޑުގައި ކުޅުނު މިމެޗުގައި ރާއްޖެއަށް ލަނޑު ޖަހައިދިނީ ހަސަން އަދުހަމް (ސަޑޭ) އާއި އަސަދުﷲ އަބްދުﷲ އެވެ.
މިފަހަރުގެ މުބާރާތައް ތައްޔާރު ވުމަށް ތައިލެންޑުގައި ރާއްޖޭގެ ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ ތައިލެންޑްގެ އޮސޮޓްސްޕާ އެފްސީއާ ދެކޮޅަށް ކުޅެ 3-2 ލަނޑުންނެވެ.
ތައިލެންޑްގައި ކުރަމުންގެންދާ ފަރިތަކުރުންތައް ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ސާކް ސަރަހައްދުގައި ހިމެނޭ އަށް ގައުމު ވާދަކުރާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 31 އިން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގަ އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރަން ޖެހެނީ ގްރޫޕް ބީގެ ސްރީލަންކާ، އަފްޣާނިސްތާން އަދި ބޫޓާނާ އެވެ.