23 Aug 2013, 21:21
މިހާރު ކުރިއަށްދާ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.
އިއްޔެ ރޭ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލުގައި ކުޅުނު އެ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ކްލަބު ސްޕައިކާ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
އެ މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 9-25، 19-25 އަދި 17-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މަރިޔަމް އަޒީފާ އެވެ.
މުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާނީ ކުލަބް އޯލްސްޓާ އާއި ކްލަބު ސްޕައިކާ އެވެ،
މުބާރާތުގެ އަންހެން ޑިވިޒަންގައި ޖުމްލަ ހަތަރު ޓީމް ވާދަކުރާއިރު، އަންހެން ޑިވިޒަންގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު އެއްވަނަ ހޯދާ ޓީމެއް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގައި ވާދަކުރާ އަންހެން ހަތަރު ޓީމަކީ ސްޕޯޓްސް ކްލަބް ވިޝަން އާއި އޯލް ސްޓާ އާއި ޕޮލިސް އަދި ކްލަބް ސްޕައިކާ އެވެ.