23 Aug 2013, 21:18
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ. މިލަންދޫއަށް މިރޭ އިރާކޮޅު ނަގޫރޯޅިއެއް އަރައި ރަށުގެ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މިލަންދޫއަށް ނަގޯރޯޅި އެރީ މިރޭ އިރާކޮޅި 8:15 އެހާކަންހާއިރު، ރަށުގެ އުތުރު ފަރާތުންނެވެ. ރަށުގެ ސަރުކާރުގެ އިމާރާތްތައް ހުންނަނީ އެ ހިސާބުގަ އެވެ. ނަގޫރޯޅީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ސަރަހައްދުގައި ހުންނަ ރަށުގެ ސްކޫލަށެވެ. ސްކޫލުގެ ފުޅާރުގެ ޓިނުތައް ނެއްޓި، ސުކޫލުގެ ވަށާފާރުން ވެއްޓި، ރަށުގެ ބޮޑު މަގުގައި ގަސްތައް ވަނީ މުލުން ލުހިފަ އެވެ.
މިލަންދޫ ކައުންސިލް މެންބަރު އަބްދުލް ފާއިޒް ހަސަން ވިދާޅުވީ ރަށަށް ކުރަމުންދާ ވިއްސާރައިގައި މިރޭ ރަށަށް އެރި ނަގޫރޯޅި 10 މިނިޓަށް ދެމިގެންދިޔަ ކަމަށާއި ނަގޫރޯޅި އެރި ސަރަހައްދަނީ ރަށުގެ ސަރުކާރުގެ އެކި އިމާރާތްތަކެއް ހުންނަ ސަރަހައްދެއްކަމުން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އަދި މީހަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ އިރުމަތީ ފަރާތު ފަޅުތެރެއިން ނަގޫރޯޅި އަރައިގެން އައިސް ރަށް ހުރަސްކޮށް، ފުއްޓަރުފަރާތައް ފައިބައިގެން ދިޔައީ. ނަގޫރޯޅި އެރުމުން ރަށުގެ ހޮޅި ދަނޑިތަކުން ކަރަންޓްދިޔަ. މިވަގުތު ވެސް ބޯކޮށް ވާރޭވެހޭތި ސްކޫލުގެ ޓިނުތައް ނެޓި، ސީލިންއަށް ފެން އެޅި ކްލާސް ރޫމުތަކަށް އެދަނީ ފެން ފައިބަމުން،" ފާއިޒް ވިފާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށަށް ނަގޫރޯޅި އެރުމުން، ލިބުނު ގެއްލުންތަކާ ގުޅިގެން ރަށުގެ ރައްޔިތުން ނުކުމެ، ބައެއް ތަންތަން މަރާމާތުކޮށް، ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސަލާމަތީ ބާރުތަކުން ވެސް އެކަމުގައި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިލަންދޫއަށް ނަގޫރޯޅި އެރި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ "މަގުމަތީގައި"ވާ ކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޯލްޑިވްސް މީޓްރޮލިޖިކަލް ސާވިސްގެ މީޓްރޮލޮޖިކަލް ފޯކާސްޓާ އަޒީމާ އަހުމަދު މިރޭ "ސަން"އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިދުވަސްކޮޅު ވިއްސާރަ ކުރާނެ ކަމަށާއި އެންމެ ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ މެދުތެރެ އާއި އުތުރަށް ކަމަށެވެ.
"ވިލާގަނޑުގައި 40 މޭލަށް ގަދަވާނެ ކަމަށް ލަފާކުރޭ. އާއްމު ގޮތެއްގައި އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ [ރާއްޖޭގެ] މެދުތެރެއާއި އުތުރުގައި. ކަނޑުދަތުރު ކުރައްވާ ބޭފުޅުން ރާއްޖޭގެ މެދުތެރޭގެ މޫސުމަށް ސަމާލުކަންދީގެން ދަތުރު ކުރުމަށް އެދެން،" އަޒީމާ އިލްތިމާސްކުރެއްވި އެވެ.