ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި އެވެ.

ސަން އަށް މައުލޫމާތު ދެމުން ފެރީން ދަތުރު ކުރި މީހަކު ބުނީ ހުޅުމާލެއިން ފުރައިގެން ފުނަދޫ ހުޅަނގު ފަރާތު ކަންމައްޗާ ދިމާލުން ދަތުރުކޮށްފައި ދަނިކޮށް މިރޭ ގާތްގަނޑަކަށް 7:55 އެހައިކަންހާއިރު އިންޖީނު ވަތުގެ ދިޔަ ބޮޑުވެގެން އިންޖީނު ހުއްޓުނީ ކަމަށެވެ. އެވަގުތު އެ ސަރަހައްދުން ދިޔަ އެހެން ފެރީއަކަށް އިޝާރާތް ކުރުމުން އެފެރީން އެހީތެރިކަން ފޯރުކޮށްދޭން ފެށިކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެފެރީ ގާތްކުރަން އުޅުނުގޮތަކުން ޖެޓީގައި ޖެހި ފެރީއަށް ގެއްލުންވި ކަމަށާއި ދެން ވައިގަދަވެގެން ގޮސް ފުނަދޫ ތެޔޮޖެޓީއާ ދިމާލު ނެރުމައްޗަށް ފެރީ އެރީ ކަމަށެވެ.

ފުލުހުން ބުނީ އެ ފެރީގައި ދަތުރު ކުރި އަންހެނުންނާއި ކުޑަކުދީންނަށް އަނިޔާއެއް ނުލިބުނު ނަމަވެސް ހާލުދެރަވި މީހަކު ފުލުހުންގެ އެހީތެރިކަމާ އެކު އޭޑީކޭހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފެރީން ދަތުރު ކުރި 99 މީހުން މާލެގެނެސްފައި ވަނީ އެހެން ފެރީއަކުންނެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން މެރިން ޕޮލިސް އާއި ކޯސްޓް ގާޑުން އެތަނަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފެރީގެ ބިއްލޫރި ގަނޑެއް ތަޅައިގެން ގޮސްފައިވާއިރު ފެރީގައި ހުރި ސައިކަލްތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ކަފު ޖަހައިގެން އެމްޓީސީސީން ވަނީ އެ ފެރީ ހުޅުލޭ ފަޅުތެރެއަށް ގެންގޮސްފަ އެވެ.