ވިލިނގިލިން: މުރުޝިދު އަބްދުލްހަކީމް

ހުވަދު އަތޮޅަށް ޕީޕީއެމް އާއި އެމްޑީއޭ އިން މިހާރު ކުރަމުން އަންނަ ކެމްޕޭން ދަތުރުގައި ގއ. އަތޮޅުގެ ތިން ރަށެއްގައި ތިން ކެމްޕޭން ޖަގަހަ މިއަދު ހުޅުވައިފި އެވެ.

ގއ. ވިލިނގިލީ ޖަގަހަ މިއަދު ހުޅުވައި ދެއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމެވެ. އަދި އެ އަތޮޅު ދާންދޫ ޖަގަހަ ހުޅުވައި ދެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. މާމެންދޫ ޖަގަހަ ހުޅުވައި ދެއްވީ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފެވެ.

ޕިޕީއެމް އާއި އެމްޑީއޭ އިން ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައި މިއަދު ހަވީރު ކުރީގެ ރައީސް މައުމޫނު ވިލިނގިއްޔަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ މީހުން ވަނީ އެމަނިކުފާނަށް މަރުހަބާކިޔައިފަ އެވެ.

ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް އާއި އެމްޑީއޭ އިން ކާމިޔާބުކުމަށް ޓަކައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި އެމަނިކުފާނު ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވަނީ މި އަތޮޅުގެ ގިނަ ރަށްތަކަށް މިއަދު ވަޑައިގެންފަ އެވެ. އަދި ޕީޕީއެމްގެ މެނިފެސްޓޯގައިވާ ކަންތައްތައް އެ ރަށްތަކުގައި ތިބި ޔާމިނަށް ތާއިދު ކުރައްވާ މެންބަރުންނާއި ގެންދަނީ ހިއްސާކުރައްވަމުނެވެ.