23 Aug 2013, 18:58
ފުލުހުންގެ މީޑިއާ އޮފިޝަލަކު މަގުމަތިން ހިފަހައްޓައި ފޯނު ފެރިގަނެ މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާގައި މަސައްކަތް ކުރާ ޕޮލިސް ކޯޕްރަލް މުހައްމަދު އަތީފަށް ހެންވޭރު ބުރުޒުމަގު ސަރަހައްދުން ބަޔަކު ދިމާކޮށް އޭނާގެ ފޯނު ފޭރިގެންފައި ވަނީ ރޭ މެންދަމު 3:30 އެހާކަންހާއިރު އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެކެވެ.
އެ ތިން މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމްކޮށްފައިވާ މީހެއްގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެ މީހަކު ވެގެން ބުރުޒު މަގުން އަތީފު ހިފެހެއްޓުމަށްފަހު ފޯނު ފޭރި ގަތުމަށްފަހު ފިލަން މަސައްކަތް ކުރުމުން އެ މީހުން އަތުލުމަށް އޭނާ މަސައްކަތް ކުރަމުން ދަނިކޮށް ހެންވޭރު އަވަށު އޮފީސް ކުރިމައްޗަށް ހަތަރު މީހުންގެ ގްރޫޕެއް ގޮސް އަތީފާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ފުލުހެއް ކަން އަންގައިދޭ ކާޑު ދެއްކުމުން ވެސް އެ މީހުން ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ ހަމަލާތަކުގެ ސަބަބުން އަތީފުގެ އަނގަމަތި ފަޅައިގެން ދިއުމުގެ އިތުރުން ވައަތް ފަރާތު ލޯކައިރިން ފަޅައިގެން ގޮސް ފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި އޭނާއަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބައެއް އޮންލައިން ނޫސްތަކުންނާއި ބައެއް ޓީވީ ޗެނަލްތަކުން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައިގެން ޚަބަރު ގެނެސްދީފައިވާ ކަމަށާއި އެކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަތީފަށް މީގެ ކުރިން ވެސް ބައެއް މީހުން މަރުގެ އިންޒާރުދީ ބިރުދައްކައި ހަދާފައިވެ އެވެ.