23 Aug 2013, 15:03
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި "ގައުމައިގެން ކުރިއަށް ކޯލިޝަނަށް" އެކެއް ނޫނީ ދޭއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން ބ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު މެންދުރު ފަހު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ އެކޯލިޝަންގެ ކެންޕެއިންނަށް ވަރަށް ބޮޑު ސަޕޯޓެއް ލިބެމުންދާ ކަމަށެވެ. އަދި އުއްމީދަކީ ފުރަތަމަ ބުރުން ކާމިޔާބުވުން ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ ދިމާލެއްގައި ވެސް ތާއީދު އެބަ އޮތް އަޅުގަނޑުމެންނަށް. ވަކިގޮތަކަށް ނުނިންމާ ތިބި މީހުން އަދިވެސް އެބަ ތިބި. އެހެންވެ އަދިވެސް މަސައްކަތް ކުރުމުގެ ޖާގަ ހުރިހާ އެންމެންނަށް ވެސް އެބަ އޮތް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން މިއަދު ބ. އަތޮޅަށް ފެށި ކެމްޕެއިން ދަތުރުގައި މިރޭ އެ އަތޮޅު ރަށެއްގައި ބޮޑު ރެލީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. ނަމަވެސް އެއީ ކޮން ރަށެގައި ބާއްވާ ރެލީއެއް ކަމަށް އެ ކޯލިޝަނަކުން ނުބެނެ އެވެ.