23 Aug 2013, 14:57
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އެކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި އަދިވެސް ދެމިހުންނެވުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ މެދު ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު މެންދުރު ފަހު ގައުމައިގެން ކުރިއަށް ކޯލިޝަންގެ ކެންޕެއިން ދަތުރު ފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަހީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުގައި އަދިވެސް ފަހުމީ ހުންނެވި ހުންނެވުމާ މެދު އެމަނިކުފާނު ގާނޫނީ ވަކީލުންނާއި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަަށެވެ.
"އަޅުގަނޑުގެ ގާނޫނީ ވަކީލުންނާއި ބަންޑާރަ ނައިބާ އެކު އެކަމުގައި (ފަހުމީ ސީއެސްސީގެ ރައީސް ކަމުގައި ހުންނެވުމާ މެދު) މަޝްވަރާ ކުރަމުން މިގެންދަނީ. އެކަމަކީ ވަރަށް އުނދަގޫ ކަހަލަ ގޮތަކަށް އޮތް ކަމެއް އެހެންމެ އެކަމުގައި ގާނޫނީ ލަފާ ހޯދައި މަޝްވަރާކުރަން އެބަޖެހޭ. އެެއަށް ފަހު އެކަމުގައި އަޅުގަނޑުގެ ޕޮޒިޝަނެއް ކަނޑައަޅާނަން." ރައީސް ވަހީދު ވިދާޅުވި އެވެ.
ފަހުމީގެ ބަދަލުގައި އެކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މިހާރު އައްޔަން ކުރައްވާފައިވާ އާ ރައީސް ޑރ. މުހައްމަދު ލަތީފު ވަނީ ފަހުމީ އެމަގާމުގައި އަދިވެސް ދެމިހުންނަވާތީ އެ މައްސަލަ ކޮޅެއްގައި ޖައްސަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން ދަންނަވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފަހުމީ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައިވާ އިރު ވެސް ފަހުމީ އޮފީހަށް ނުކުންނެވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް އެސިޓީގައި ލަތީފު ވަނީ ވިދާޅުވެފަ އެވެ.
ދައުލަތް އެންމެ ފުރިހަމަ ގޮތުގައި ހިނގަމުންދާ ކަމަށް ވިދާޅުވެވެން ނެތް ކަމަށާއި ގާނޫނުތަކުގައިވާ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނެގުން އާދަޔަކަށްވެފައިވާ ކަމަށް މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ރޭގެ ޖަލްސާގައި ރައީސް ވަހީދު ވަނީ ވިދާޅުވި އެވެ.
"މިކަންކަމުގެ މިސާލުތައް، ދައުލަތުގެ އެކި ހިސާބުތަކުން ދަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވެރިޔަކު، ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންނަށް އަމުރުކުރައްވަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ." ފަހުމީ ސީއެސްސީގައި ހުންނެވުމާ ގުޅޭ ގޮތުން ނުސީދާ ގޮތެއްގައި ރައީސް ވަހީދު ރޭ ވިދާޅުވެފައިވެ އެވެ.