23 Aug 2013, 14:38
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު 40 ފޮއްޓަށް ދަށްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ސަން އަށް ވިދާޅުވީ ކުރިން 58 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނަމަވެސް އެ އަދަދު 40 ރަށަށް މަދު ކުރީ، ބައެއް ރިސޯޓްތަކުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 50 އަށް ނާރާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ވޯޓު ލުމަށް 50 އަށް ވުރެ ގިނަ މީހުން އުޅޭ ރަށްރަށް ނޫނީ ސަރަހައްދުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ.
ފުއާދު ވިދާޅުވީ ކުރިން 58 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅީ އެ ރިސޯޓްތަކުގެ މެނޭޖްމަންޓުން އެގޮތަށް އެދިގެން ކަމަށެވެ.
"ވޯޓް ފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް މީހުން ރަޖިސްޓްރީވާނެ ކަމަށް މެނޭޖްމަންޓުން ބުނެގެން ކުރިން އެ އަދަދަށް ވޯޓް ފޮށި ބަހައްޓަން ނިންމީ. ނަމަވެސް ބައެއް ރިސޯޓްތަކުގެ މީހުން އެމީހުން ނިސްބަތްވާ ރަށްރަށުގަ އާއި މާލޭގައި ވޯޓު ލުމަށް ރަޖިސްޓްރީ ވެފައި ވާތީ ބައެއް ރިސޯޓްތަކުގައި އަދަދު ހަމަނުވީ،" ފުއާދު ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239،593 މީހުންނެވެ.