23 Aug 2013, 13:48
ބައިރޫތު (އޮގަސްޓް 23): އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން މިއަދު ހެނދުނު ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނަށް ޙަމަލާތަކެއް ދީފި އެވެ.
މިޙަމަލާތައް ދިނުމަށް ފަހު އިސްރާއީލުން ބުނެފައި ވަނީ ޙަމަލާތައްދިނީ ޓެރަރިސްޓުންގެ އަމާޒަކަށް ކަމުގަ އެވެ. މިއީ އިސްރާއީލުން އަނިޔާވެރިކަން ކުރިޔަށް ނެރެ ފަލަސްތީނަށާއި އަވަށްޓެރި ގައުމުތަކަށް ޙަމަލާތައް ދިނުމަށް ފަހު އެޙަމަލާތައް ދިފާޢުކުރުމުގެ ގޮތުން ބޭނުންކުރާ ޢިބާރާތެކެވެ. މި ޙަމަލާދިނީ ލުބާނާނުގެ ދެކުނުން ސަރަހައްދީ ރޮނގު ހުރަސްކޮށް ހަނގުރާމަވެރިންގެ ބަޔަކު އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދިނުމާގުޅިގެން ކަމަށް ވެސް އިސްރާއީލުން ބުނެފައިވެ އެވެ. މިރޮކެޓް ޙަމަލާތައް ދީފައި ވަނީ ޢަބްދުﷲ ޢައްޒާމް ބްރިގޭޑް ނަމަކަށް ކިޔާ ޖަމާއަތަކުން ކަމަށް އެޖަމާއަތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.
އިސްރާއީލުން ދެކުނު ލުބްނާނަށް ދިން ވައިގެ ޙަމަލާތައް އަރާފައި ވަނީ ދެކުނު ބައިރޫތާއި ސައިދާއާ ދެމެދުގައިވާ ހުސްބިމަކަށް ކަމަށް ވާތީ މިޙަމަލާތަކުން މާބޮޑުގެއްލުމެއް ނުލިބޭކަމަށް ރިޕޯޓްތައް ބުނެ އެވެ. މިސަރަހައްދަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލެސްޓައިން"ގެ މަރުކަޒުތަކެއް ހުންނަ ސަރަހައްދެކެވެ. އިސްރާއީލުގެ ޙަމަލާތަކާ ގުޅިގެން ލުބްނާނުގެ ދެކުނުގެ ސަރަހައްދު ކޮންޓްރޯލްކުރާ ހިޒްބުﷲ ޖަމާއަތުން ވަނީ މިފަދަ ޙަމަލާތައް ތަކުރާރުވާ ނަމަ ދުރުރާސްތާގެ މިސައިލުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށް ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ލުބްނާނުގެ ދެކުނުން އިސްރާއީލަށް ހަމަލާދިނުމުގެ ހައްޤު ކޮންމެ ޖަމާއަތަކަށްވެސް އޮތް ކަމަށާ އިސްރާއީލަކީ ފަލަސްތީނުގެ އިތުރުން ލުބްނާނުގެ ޝަބްޢާ ސަރަހައްދު ވެސް ހިފައިގެން އުޅޭ އިސްތިއްމާރީ ބާރެއްކަމަށް ވެސް ހިޒްބުﷲ އިން ބުނެފައިވެ އެވެ. އިސްރާއީލުން ދެކުނު ލުބްނާނުގެ ބޮޑުބައެއް ހިފާފައިވަނިކޮށް ހިޒްބުﷲ އިންވަނީ ބާރުގެ ބޭނުންކޮށްގެން ދެކުނު ލުބްނާނުން އިސްރާއީލު ފައްސާލައި އެސަރަހައްދު މިނިވަންކޮށްފަ އެވެ. އަދި 2005 ވަނަ އަހަރު އިސްރާއީލުން ލުބްނާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހިޒްބުﷲ އިންވަނީ އިސްރާއީލުގެ ސިޓީތަކަށް އެތައް ހާސް ރޮކެޓަކުން ޙަމަލާދީ އިސްރާއީލުގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ. (އަލްޖަޒީރާ)