23 Aug 2013, 13:34
އދ. މަޖިލިސް (އޮގަސްޓް 23): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ކައިރީގައިވާ ހިސާބަކަށް މިދިޔަ ބުދަ ދުވަހު ކެމިކަލް ހަތިޔާރުން ދީފައިވާ ކަމަށްބެލެވޭ ޙަމަލާގެ މައްސަލަ އަވަސްގޮތަކަށް ތަޙްގީގު ކުރަން ޖެހޭ ކަމަށާ މިފަދަ ޙަމަލާއެއް އިންސާނުންނާ ދެކޮޅަށް ދިނުމަކީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވިދާޅުވެއްޖެ އެވެ.
ބާންކީމޫން ވިދާޅުވީ މިޖަރީމާގެ ހަޤީޤަތް ހޯދުމަށް ކުރަންޖެހޭ ތަޙްޤީޤްތަކަށް ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުލުން ދޭންޖެހޭނެ ކަމަށާ މިކަމަށް އެއްބާރުލުން ދޭންނުޖެހޭ ސަބަބެއް ނެތްކަމުގަ އެވެ. މިޖަރީމާގެ މައްސަލަ ތަހްޤީޤް ކުރުމަށް މަގުފަހިކުރުމަށް ޓަކައި ބާންކީމޫން ވަނީ ހަތިޔާރުނައްތާލުމާ ބެހޭ އދ. ގެ ތަޖްރިބާކާރެއް ކަމަށްވާ އެންގެލާ ކެން ދިމިޝްޤަށް ފޮނުވުމަށް ނިންމަވާފަ އެވެ. މީގެކުރިން ސޫރިޔާގެ އެކިކަންކޮޅު ތަކަށް ދީފައިވާ ކެމިކަލް ގޭހުގެ ޙާމަލާތަކުގެ މައްސަލަ ބަލައި ތަޙްޤީޤްކުރާ ޓީމެއް މިހާރު ސޫރިޔާއަށް ގޮސް މަސައްކަތްކުރަމުން އެބަގެންދެ އެވެ. ސޫރިޔާ ސަރުކާރުން އެޓީމަށް ވަނީ ކެމިކަލް ހަތިޔާރުގެ ޙަމަލާއެއްދީފައިވާ ތިން ސަރަހައްދަކަށް ގޮސް އެތަންތަން ބަލައި ބިންގަނޑުން ސާންޕަލް ނެގުމުގެ ފުރްސަތު ދީފަ އެވެ.
އދ. ގެ ޓީމު ދިމިޝްޤުގައިތި ބެނީ މިދިޔަ ބުދަ ދުވަހު ކެމިކަލް ހަތިޔާރުން ދީފައިވާ އިރުމަތީ ޣޫތާ ސަރަހައްދާ 15 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ ހިސާބެއްގަ އެވެ. މިދިޔަ ބުދަ ދުވަހު ވެރިރަށް ދިމިޝްޤުގެ ރަށްފުށުގެ އިރުމަތީ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދީ 1300 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށާ މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނެ އެވެ.
މި މައްސަލާގައި އެއްވެސް ފަރާތެއް ކުށްވެރިނުކޮށް ހަމައެކަނި އެޙަމަލާ ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ބަޔާނެއް ނެރެފަ އެވެ. މިބަޔާނުގައި މިކަމާ މެދު ކަންބޮޑުވާކަން ހާމަކުރުމުގެ އިތުރުން ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން މަނާ ލާއިންސާނީ ޖަރީމާއެއްކަމަށް ސިފަކޮށް މިޙަމަލާގެ ހަޤީޤަތް ބަލައި ތަހްޤީޤް ކުރުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް މިޖަރީމާ ހިންގާފައި ވަނީ ކޮންފަރާތަކުންކަން ނޭނގޭކަމަށް އދ. ން ބުނެ އެވެ. އެމެރިކާ ވެސް ވަނީ ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކުރަމުން ގެންދާ މައްސަލައިގެ ޙަޤީޤަތް ހޯދިފައިނުވާ ކަމަށާ މިހަތިޔާރު ބޭނުންކުރަނީ ކޮންފަރާތަކުންކަން އެއްވެސް ވަރަކަށް ނޭންގޭކަމަށް ބުނެފަ އެވެ.
ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބިފައިވާ ފިލާވަޅުތަކުގެ ސަބަބުންނާއި އެދެގައުމަށް އަރައިގަތުމާ ގުޅިގެން އެމެރިކާ އިޤްތިސާދީ ގޮތުން އިދަޖެހިފައި ވާތީ އިންސާނީ ހައްޤުތަކުގެ ނަމުގައި ސޫރިޔާ އަށް އަރައިގަތުމުގެ އެއްވެސް ވިސްނުމެއް އެމެރިކާ ނުގެންގުޅޭކަމަށްވެ އެވެ. ސޫރިޔާ އަށް އަރައިގަތުމުގެ ވިސްނުން އެމެރިކާ ނުގެންގުޅެނީ ސޫރިޔާއަކީ ތެޔޮފަދަ ގުދްރަތީ ވަސީލަތެއްނެތް ގައުމަކަށްވެފައި ސޫރިޔާގެ ފަހަތުގައި ރަޝިޔާއާއި އީރާން އޮތުމުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ތިބުމުން ކަމަށް ބައެއް ބައެއް މުޙައްލިލުން ވިދާޅުވެ އެވެ.
ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންނުކުރާ ކަމަށް ސޫރިޔާ ސަރުކާރުންނާއި އިދިކޮޅު ހަނގުރާމަވެރިން ތަކުރާރުކޮށް ބުނަމުން ގެންދެއެވެ. (އަލްޖަޒީރާ)