23 Aug 2013, 03:13
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އަބްދުﷲ ޔާމީން ފިޔަވައި ދެން ތިއްބެވި ތިން ކެންޑިޑޭޓުންގެ "އެއްވެސް އުރައްޕަތެއް ނެތް" ކަމަށް ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށާއި އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އެ ހުރިހާ ބޭފުޅުން ވެސް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށާއި އެއިން އެއްވެސް ކެންޑިޑޭޓެއްގެ "އުރައްޕަތެއް ނެތް" ކަމަށެވެ.
"މިހާރު ވެރިކަން ހޯދަން ތިޔަ އުޅޭ [ޔާމީން ފިޔަވައި] އަނެއް ތިން ކެންޑޭޓުންނަކީ އެއްވެސް ކަހަލަ އުރައްޕަތެއް [ހުރި ބައެއް ނޫން]. އަޅުގަނޑު އެ ތިން ބޭފުޅުން ދަންނަން. އަޅުގަނޑު ހުރިހާ ބޭފުޅުން ވަރަށް ގާތުން ދަންނަން. ބާރަ އަހަރު ނުވަތަ ފަނަރަ ވަރަކަށް އަހަރު ވެއްޖެ އެ ބޭފުޅުން ދަންނަތާ،" ސިޔާމް ވިދާޅުވި އެވެ.
ރާއްޖެ އިން ތެޔޮހޯދާނެ ކަމަށް ޔާމީން ވެވަޑައިގެންފައިވާ ވައުދަށް ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ވެސް ސިޔާމް ވަނީ ރައްދު ދެއްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެ މުއްސަނދިކުރުމަށް ޔާމީން ރާއްޖެ އިން ތެޔޮނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖެ އިން ތެޔޮ ފެންނާނެ ކަމުގެ ހެކިތައް އެބަހުރި ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ. ނަމަވެސް ބައެއް ސިޔާސި ވެރިން އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އިރު އެ ބޭފުންގެ ވިސްނުން "ގޭގެބަދިގެއިން ބޭރަށް" ނުދާ ކަމުގައި ވެސް ސިޔާމު ވިދާޅުވި އެވެ.
"އިގުތިސާދީ ގޮތުން އެ ވިދާޅުވަނީ ރާއްޖެ އިން ތެޔޮ ނަންގަވާނެ ވާހަކަ. ތެޔޮ ނެގޭނެ އިނގޭތޯ. ތެޔޮ ވެސް ހުންނާނެ، އެއީ ކީއްވެގެންތޯ، ރާއްޖެއަކީ ދުބާއީ އަރަބިކަރައިގެ ވަރަށް ކައިރީގައި އޮތް ގައުމެއް. އެހެންވީމާ މި ގައުމުގައި ތެޔޮ ހުންނާނެ. ﷲ ސުބުހާނަހޫ ވަތައާލާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް އެކަން ކާމިޔާބުކޮށްދެއްވާނެ،"
ސިޔާމު ވިދާޅުވީ ރިޔާސީ ރޭހުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ ވާދަ ކުރައްވާ ބޭފުޅުންގެ ސިކުނޑި ގޭގެ ބަދިގެ އިން ބޭރަށް ނުދާ ކަމަށެވެ.
"އެ ބޭފުޅުންގެ ސިކުނޑިއެއްނުދޭ ގޭގެ ބަދިގެތަކުން ބޭރަކަށް، އެހެންވީމާ އެ ބޭފުޅުންނަކަށް މާބޮޑަކަށް ނުއެއް ވިސްނޭނެ، ކަންތައް ކުރާކަށް. ކަންތައްތައް ކުރަން ނޭނގެނީ ކީއްވެގެންތޯ، އެކަން ކަން ކުރުމުގެ ތަޖުރިބާއެއް ވެސް ނެތީމާ، އެކަމުގެ ހުނަރު ވެސް ނެތީމަ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖެ ނުދާ ފަދަ މިންވަރަށް އިގުތިސާދު ދަށަށް ގޮސްފައިވާ ކަމަށާއި އަދި ދިވެހިން މިއަދު ތިބީ އުއްމީދުތައް ގެއްލިފައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެހެން ވާންޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިގައުމުގެ ސިޔާސަތާއި އިގުތިސާދީ މިނިވަންކަން "ގާތްގަނޑަށްކަށް" ގެއްލުވާލާފައި ވާތީ ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ހީނަރުކަމެއް އައިސްފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުން ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.
އެހެން ނަމަވެސް ޔާމީންގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ ރައްޔިތުން މާޔޫސްވެ، ފަގީރުކަމާ ކުރިމަތިލާން ނުޖެހޭނެ ކަމަށާއި އެންމެ ބޮޑު ސަބަބަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެ ޓީމުގައި ހުންނެވުން ކަމަށް ސިޔާމު ވިދާޅުވި އެވެ. ހަމަ އެހެންމެ ޔާމީނު ރައްޔިތުންގެ މަޖިލީގައި ކުރެއްވި މަސައްކަތްތަކަށް ބެއްލެވި ކަމުގައިވީ ނަމަވެސް އަދި ސަރުކާރުގައި އަދާކުރެއްވި މަގާމުތަކަށް ބެއްލެވި ކަމުގައިވީ ނަމަވެސް ވަރަށް ފުރިހަމަ އަށް ގައުމަށް ތަރައްގީ ގެނައުމަށް ޔާމީނަކީ "ކުޅަދާނެ ލީޑަރެއް"ކަން ސާބިތު ވާ ކަމަށް ސިޔާމު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ބުރުން ފުރިހަމަ އަގުލަބިއްޔަތަކުން މި އިންތިހާބު ކާމިޔާބުކުރުމަށް ފަހު ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ އެއްވެސް ބޭފުޅަކަށް މާޔޫސްކަމާ ކުރިމަތިލައްވާކަށް ނުޖެހޭނެކަން. އަޅުގަނޑުމެންގެ ރައްޔިތުން ފަގީރުކަމަށް ކެހިގެނެއް ނުދާނެ. އަޅުގަނޑުމެން ރައްޔިތުން ވާނީ އުފާވެރިކަމުގެ ތެރޭގައި. އެއީ އަޅުގަނޑުމެންގެ ކައިރީގައި އެބަހުރި މުޅި ދުނިޔެ އިން ހޯދާ ބެލި ނަމަވެސް އަޅުގަނޑުމެނަށް އެފަދަ ބޭފުޅަކު ނުފެންނަ ވަރުގެ ކުޅަދާނެ، ހިކުމަތްތެރި އަދި ވިސްނުންތޫނު ބޭކަލެއް. އެއީ އަޅުގަނޑުމެންގެ ހިތްތަކުގެ ރަސްގެފާނު އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް."
ޕީޕީއެމް އާއި އެމްޑީއޭ އިން މިއަދު ވަނީ ގދ. މަޑަވެއްޔަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އަދި އެ ރަށުގައި ސިޔާމްގެ ހަރަދުގައި ވަށާފާރު ރާނާފައިވާ ފުޓްބޯޅަ ދަނޑުވަނީ ހުޅުވައިފަ އެވެ. އެ ރަށުގެ ބައެއް މީހުންނާއި ބައްދަލުކުރެއްވުމަށް ފަހު ވެސް ސިޔާމް ވަނީ އަބްދުﷲ ޔާމީނަށް ތާއިދުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.