މާވެޔޮ ގޯލިތެރޭގައި ރޭ ހިނގި މާރާމާރީގައި 21 އަހަރުގެ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 10:30 އެހައިކަންހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ.ރޯޒެންޑޭލް ޝިފާން ޒުފްރަތު،18، އާއި ޏ. ފުވައްމުލައް ދަނޑިމަގު، ޑްރީމްގާލް ހަސަން ޝިފާޒު،23، ކަމަށެވެ.

ހަސަން ޝިފާޒު ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 8:30 އެހައިކަންހާއިރު ހެންވޭރު އަޑި ޕާކުތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ޝިފާން ޒުފްރަތު ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި މިރޭ 11:00 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަދަ މީހުން ހޯދުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.