22 Aug 2013, 23:23
ގާނޫނުއަސާސީން ދައުލަތަށް ގެންނަން ބޭނުންވި އިސްލާޙީ ބަދަލުތަކުގެ އެންމެ އެދެވޭ ފައިދާ ދައުލަތަށް ކުރަމުންނުދާ ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ ދައުލަތް އެންމެ ފުރިހަމަގޮތުގައި ހިނގަމުންދާ ކަމަށް ވިދާޅުވެވެން ނެތް ކަމަށާއި ގާނޫނުތަކުގައިވާ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނެގުން އާދަޔަކަށްވެފައިވާ ކަމަށެވެ. އަދި ހިޔާލު ތަފާތުވެ ބައިބައިވުމަށް ގާތްވެފައިވާ މުޖްތަމައުގައި މިއަދު މިފެންނަނީ، ޅަފަތުގައި އޮތް ފުރިހަމަނުވާ ދުސްތޫރީ އޮނިގަނޑެއްގައިވާ ބާގަނޑުގަނޑުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތަން ކަމުގައި ރައީސް ވިދާޅުވި އެވެ.
"މިއަދު ފެންނަނީ ގާނޫނު ލިޔެފައިވާ މަގުސަދާއި، ގައުމުގެ މަސްލަޙަތު އެއީ އެއްޗަކަށްނުވާ ތަން ކަމަށާއި، ކާބަފައިންގެ ވިސްނުމާއި ގުރްބާނީގެ ވާހަކައަކީ، ހަމަ ބުނެލާ އިބާރާތަކަށްވެފައިވާތަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
"މިކަންކަމުގެ މިސާލުތައް، ދައުލަތުގެ އެކި ހިސާބުތަކުން ދަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވެރިޔަކު، ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންނަށް އަމުރުކުރައްވަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނޭ ފަދަ ހާލަތެއް މިއަދު ވަނީ މެދުވެރިވެފައި. އެކިއެކި ޖިނާއީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރައި، ގައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި، އެތައް އަހަރެން ވަންދެން މަގުމަތީގައި އެބައުޅޭ. އަންހެން ދަރިންނާއި ކުޑަކުދިންގެ ހައްގުތައް ވަނީ ހިމާޔަތް ނުކުރެވިފައި. އަޑުގަދަ މީހާގެ ބަސްގަދަވެ ބާރުގަދަވާތަން މިދަނީ ފެންނަމުން. އެންމެ ހިތާމަހުރި ކަމަކީ، މިކަންކަމުގެ ތެރޭގައި ހައްގު ގޮތުގައި ގާނޫނުގެ އިމުގައި ތިބޭ ރައްޔިތުން، އަމިއްލައަށް ގޭގައި ބަންދުވެގެން ތިބެންޖެހޭކަން."
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ކޮންމެ މީހަކީ ގައުމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ މީހަކު ފަދައިން އަޅުގަނޑުމެންގެ ކޮންމެ މީހަކީ، ގައުމުގެ ތަރައްގީއަށްޓަކައި އުފާފާޅުކުރާ، އަދި އެތަރައްގީ ފާހަގަކުރާ ބަޔަކަށް ވެސް ވާންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި މިރޭގެ ޖަލްސާއަކީ އެފަދަ ބޭފުޅުންގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއް ކަން ފާހަގަކުރައްވަމުން، މި ޖަލްސާގައި އިނާމު ހާސިލު ކުރެއްވި ބޭފުޅުންނަށް ރައީސް ތަހުނިޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިރޭ ފާހަގަކުރެވެނީ ދިވެހި ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ކޮންމެ ހިދުމަތްތެރިއެއްގެ ހިދުމަތް ކަމަށެވެ. އަދި މިރޭގެ އިނާމުތަކުން ރަމްޒުކޮށްދެނީ، މި ގައުމު މިގޮތަށް ދެމިގެން މިއޮތީ، ކޮންމެ ދިވެހި މުވާޠިނެއްގެވެސް ޚިދުމަތުން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވައި، އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު ވެރިކަމާ ހަވާލުވުމަށްޓަކައި، ދުސްތޫރީ އޮނިގަނޑު ހިނގަހިނގާ އޮތުން ކޮންމެހެން ބޭނުން ކަމުގައި ވިދާޅުވި އެވެ.
"އަމާންކަމާއި ހަމަޖެހުމާއެކު އިންތިހާބެއް ބާއްވައި، ގާނޫނުއަސާސީގައިވާ ގޮތަށް ވެރިކަން ގާއިމުކުރުމުގެ ބޭނުންތެރިކަން ތިޔައިން ހަމަ އެއްވެސް ރައްޔިތަކަށް ވަންހަނާވެފައި ނޯންނާނެ. މިފަދަ ވަގުތެއްގައި ދުސްތޫރީ އޮނިގަނޑު ފުނޑުފުނޑުވިޔަ ދީގެން ނުވާނެ. މިވަގުތު ޤައުމުގައި ހަމަނުޖެހުން އުފެދެން ވެއްޖެނަމަ، ފަތުރުވެރިކަން ހީނަރުވެ، އިގްތިސާދު މިއަށްވުރެ ބޮޑަށް ހަލާކުވެދާނެ. ގައުމަށް ހީނުކުރާ ވަރުގެ ދެރައެއް ލިބިދާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.