22 Aug 2013, 22:07
ނިއުޒީލޭންޑުގައި އުފައްދާ ކިރުގެ ބައެއް ބާވަތްތަކާއި ވޭޕްރޮޓީންގައި ޖަރާސީމެއް އެކުލެވުމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި އިރު އެފަދަ ބާވަތެއް ރާއްޖެއަށް އެތެރެވެފައި ނުވި ނަމަވެސް އެފަދަ ބާވަތެއް އެތެރެކުރޭތޯ އަދިވެސް ބަލާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެފްޑީއޭއިން ބުނީ އެ މައްސަލައިގައި އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް ( އިންފޮސާން) އިން ނެރުނު ފުޑް އެލާޓާ ގުޅިގެން އެފްޑީއޭއިން އެކަން ބެލި ކަމަށެވެ. އެ އެލާޓްގައި އަދި ބުނީ ޖަރާސީމު އެކުލެވޭ ބާވަތެއް ރާއްޖެއަށް އެތެރެނުވާކަން ނިއުޒީލޭންޑްގެ ކަމާ ބެހޭ އިދާރާއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ހޯދި ހޯދުން ތަކުން މިފަދަ އެއްވެސް އުފެއްދުމެއް ނިއުޒީލޭންޑުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރެވިފައި ނުވާކަން ނިއުޒީލޭންޑްގެ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީ ސްޓެންޑާޑްސް ބްރާންޗް މާކެޓް އެޝުއަރެންސުން ވަނީ ކަށަވަރުކޮށްދެއްވާފައި،" އެފްޑީއޭގެ އެލާޓްގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެއަށް އެފަދަ ބާވަތެއް އެތެރެކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން މިހާރު ވެސް ބަލާނެ ކަމަށާ އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނުސީދާކޮށް، އެހެން ގައުމަކުން ދިވެހިރާއްޖެއަށް މިފަދަ ބާވަތެއް އެތެރެކުރޭތޯ ބެލުމަށްޓަކައި ހާއްސަ ސަމާލުކަމެއްދީގެން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާގޮތަށް މިކަން މުޅިން ނިމެންދެން ކުރިއަށް ގެންދާނެ،" އެފްޑީއޭގެ ފުޑް އެލާޓްގައި ބުނެފައިވެ އެވެ.
ޖަރާސީމު އެކުލެވޭ ކިރުގެ ބައެއް އުފެއްދުންތައް ނިއުޒީލޭންޑުން ، ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކަށް އެތެރެކުރިކަމަށް އެގައުމުގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.