17 Nov 2010, 18:25
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަށް ބިރު ދައްކާ މަރުގެ އިންޒާރު ދީފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ޑީއާރްޕީގެ އެކްޓިވިސްޓް ފުލުހުން ދޫކޮށްލައިފި އެވެ.
ހދ. ކުޅުދުއްފުށީ ގައި މި ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރުގެ އަބުރު ނަގާލި ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި މީހަކީ މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރު އިބްރާހިމް ނާޒިމެވެ.
ސަން އޮންލައިނަށް ދިން އިންޓަވިއެއްގައި ނާޒިމް މިރޭ ބުނީ އޭނާ ހދ. އަށް ކުރި ދަތުރު ނިންމައިލުމަށްފަހު މި މަހުގެ ހަ ވަނަ ދުވަހު އެނބުރި މާލެ އައިތަނާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ޤާނޫނީ ވަކީލު އެވަގުތު ހުރުމުން ކޯޓު އަމުރެއް ނެތި އެގޮތަށް ހައްޔަރު ނުކުރެވޭނެ ކަމަށް ވަކީލު ބުނުމުން ފުލުހުން ދިޔައީ ކަމަށެވެ.
‹ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ތަހްޤީޤްގައި ގެންގުޅުއްވީ ވަރަށް ވެސް ހަރުކަށި ސިޔާސީ ވިސްނުންފުޅަކާއި ސިޔާސީ އުކުޅެއް›
" ޖެހިގެން އައި ދުވަހުގެ މެންދުރު 12:15 ހާއިރު މަގުމަތިން އަޅުގަނޑާ ފުލުހުންނާ ދިމާވެގެން ޗިޓެއް ހަވާލުކުރުމަށް ފުލުހުން މަސައްކަތް ކުރި. ނަމަވެސް އެ ޗިޓު އޮތީ ވެސް ފައްޖަހާލާފައި ކަމުން އޭގައި ހުރި އެއްޗެއް މާ މޮޑަށް ކިޔަން ނޭނގޭތީ އަޅުގަނޑު އެއާ ހަވާލުވުމަށް އިންކާރު ކުރުމުން އެތަނުން ފުލުހުން ދިޔައީ. އެހެން ނަމަވެސް އެދުވަހު 3:00 ޖެހިއިރު ގެއަށް ފުލުހުން ދިޔައިމަ ފުލުހުން ކައިރީ ބުނިން މިދަނީއޭ،" ނާޒިމް ކިޔައިދިނެވެ.
ފުލުހުން ނާޒިމް ހައްޔަރު ކުރީ އޭނާގެ ޤާނޫނީ ވަކީލާ އެކު އަތޮޅު ވެއްސަށް ދިޔަ ތަނުން މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
ނާޒިމް ބުނީ ފުލުހުންގެ އޭނާއާ ދޭތެރޭގައި އަމަލްކޮށްފައިވަނީ ހަޤީޤަތާއި ހިލާފަށް ދައްކާފައިވާ ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އަދި "ފުލުހުންގެ ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ތަހްޤީޤްގައި ގެންގުޅުއްވީ ވަރަށްވެސް ހަރުކަށި ސިޔާސީ ވިސްނުންފުޅަކާއި ސިޔާސީ އުކުޅެއް" ކަމަށްވެސް ނާޒިމް ތުހުމަތުކުރި އެވެ.
" އެއާޕޯޓްގައި ފުލުހުން ފުރަތަމަ ބުނީ ހައްޔަރުކުރަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރުގެ އިއްޒަތް ގެއްލޭގޮތަށް ހަޤީޤަތާއި ހިލާފަށް ދޮގު ވާހަކަ ދައްކާފައިވާތީއޭ. އެހެން ނަމަވެސް އެދުވަހު މެންދުރު ފަހު ތަހްޤީޤަތް ވައްދާފައި ބުނީ ހައްޔަރުކުރީ ގަފޫރަށާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ދީފައިވާތީއޭ. އަދި އޭގެ ކުޑަ އިރުކޮޅެއްގެ ފަހުން ކުއްލި އަކަށް ބުނީ ގަފޫރަށާއި އޭނާގެ އާއިލާ އަށް ބިރު ދައްކާ އިންޒާރު ދީފައިވާ ކަމަށް. އެރޭ ފަހުން ކޯޓުގައި ފުލުހުން ބުނީ ގަފޫރަށާއި އޭނާގެ އާއިލާ އަށް ހޭ އަރުވާލާނެ ކަމަށް އަހަރެން ބުންޏޭ،" ނާޒިމް ބުންޏެވެ.
ކްރިމިނަލް ކޯޓުން ނާޒިމް އެންމެ ފުރަތަމަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެ ދިނީ ތިން ދުވަހަށް ކަމަށް ނާޒިމް ބުންޏެވެ. އޭނާ އަދި ބުނީ އޭނާ އަކީ ސައިނަސް ހުންނަ މީހެއް ނަމަވެސް އެތިން ދުވަހު ވެސް އޭނާ ހުންނަން ޖެހުނީ ބޭސް ފަރުވާއެއް ވެސް ނުލިބި ކަމަށެވެ.
ތިން ދުވަސްފަހުން އަނެއްކާވެސް ކޯޓަށް ގެންދިޔަ ކަމަށާއި ކޯޓަށް ގެންގޮސްފައި ހަތް ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު ޑޮކްޓަރަށް ދައްކާފައި މިރޭ އޭނާ ދޫކޮށްލުމާ ހަމައަށް ވެސް އެއްވެސް ބޭހެއް އޭނާ އަށް ދީފައިނުވާ ކަމަށްވެސް ނާޒިމް ބުންޏެވެ.
" ދޫކޮށްލީ ކޯޓަށް ގެންގޮސްފައެއް ނޫން. އެހެންނަމަވެސް ކޯޓަށް ގެންދިޔަ ނަމަވެސް ފުލުހުންނަށް ޖެހޭނީ ދޫކޮށްލަން. އެއީ ކޯޓުގެ އަމުރުގައި ވެސް އެބަ އޮތް މިމައްސަލާގައި އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް ތަހްޤީޤް ކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް." ނާޒިމް ބުންޏެވެ.
ނާޒިމް ބުނީ ކޯޓު އަމުރަކީ އޭނާ އަށް ލިބެންޖެހޭ ހައްގެއް ކަމަށާއި ނަމަވެސް އޭނާ އަށް ކޯޓު އަމުރު ލިބިފައި ވަނީ ދޫކޮށްލަން ގަޑިއެއްގެ އިރު ވިފަހުން ކަމަށެވެ.
ނާޒިމް ބުނީ ގަފޫރަށް ބިރު ދައްކާފައިވާ ކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާ އަށް ގަފޫރު މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެމައްސަލައިގައި ގަފޫރާއި ދެކޮޅަށް ޖައްސައިލާނެ ކަމަށެވެ.
"މިމަހުގެ ހަވަނަ ވަނަ ދުވަހުގެ ރޭ އަހަރެން އެއް ނަމްބަރު ފާލަން ކައިރީގައި ހުއްޓާ ޣަފޫރު ވަނީ ހަތަރު މީހަކާއެކު ވަޑައިގެން އަޅުގަނޑަށް މަރުގެ އިންޒާރުދެއްވާފައި. މިމައްސަލާގައި ދައުވާ ކުރާނެ ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުނި. ނަމަވެސް ދޫކޮށްލުމާ ހަމައަށްވެސް އެފުރުސަތު ދީފައެއް ނުވޭ" ނާޒިމް ބުންޏެވެ.
މިކަމަކީ ޑީއާރުޕީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބްގައި މާފަންނު އުތުރު ދާއިރާގެ މެންބަރު ކަމަށް އޭނާ ކުރިމަތިލައިގެން އުޅޭތީވެ، ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ބޭނުން ހިފައިގެން ރާވައިގެން ހިންގާ ޕްރޮޕެގެންޑާއެއް ކަމަށާއި އަދި އެ ނާޖާއިޒް ފައިދާ ފުލުހުންގެ ބޭނުން ހިފައިގެން ކުރަމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށްވެސް ނާޒިމް ބުންޏެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އޭނާ ހައްޔަރު ކޮށްފައިވަނީ އެ މައްސަލަ ހުށަހެޅި ފަރާތުން އެކަން ތަހްގީގު ކޮށްދިނުމަށް އެދިފައިވާތީ އާއި ކޯޓުން ވެސް ނާޒިމް ބަންދުގައި ބަހައްޓައިގެން މައްސަލަ ބެލުމުގެ އަމުރެއް ނެރެދީފައިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ފުލުހުންނާ މެދު ޝަކުވާއެއް ވާނަމަ އެ އޮންނަ އުސޫލެއްގެ މަތިން އެކަންތައް ހުށަހެޅުމުން އެކަމެއް ވެސް ބަލައިދޭނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.