މިސުރުގައި 29 އަހަރު ވެރިކަން ކުރެއްވުމަށް ފަހު، ވެރިކަން ގެއްލިވަޑައިގަތް ހުސްނީ މުބާރަކު ދެ އަހަރަށް ފަހު މިއަދު ޖަލުން މިނިވަންކޮށްފި އެވެ.

އެސޯސިއޭޓް ޕްރެސް އިން ބުނީ ހުސްނީ މުބާރަކް ޖަލުން މިނިވަން ކުރުމަށް ފަހު ހެލިކޮޕްޓަރުގައި ފުރަތަމަ ވެސް ގެންދިޔައީ މިލިޓަރީ ހޮސްޕިޓަލަކަށް ފަރުވާ އަށް ކަމަށެވެ.

ދެ ހާސް އެގާރަ ވަނަ އަހަރު އެތައް ހާސް ބަޔަކު މުބާރަކުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، އެ މަނިކުފާނުގެ 29 އަހަރުވީ ސަރުކާރު ވަނީ ވައްޓާލައިފަ އެވެ. އޭގެ މަސްތަކެއް ފަހުން މުބާރަކް ކޯޓަށް ހާޒިރުކޮށް ވަނީ ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ލައިފަ އެވެ. އަދި އެތައް ބަޔަކު ގަބޫލު ކުރީ އިންސާފު ލިބުނީ ކަމަށެވެ.

މިއަދު މުބާރަކް މިނިވަންކޮށްފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރި ކޮރަޕްޝަންގެ ދައުވާ އިން ސަލާމަތްވުމަށް ފަހު އެވެ. ނަމަވެސް 85 އަހަރުގެ މުބާރަކާ ދެކޮޅަށް 2011 ވަނަ އަހަރު ކުރި 18 ދުވަހުގެ މުޒާހަރާގައި މަރުވި އެތައް ސަތޭކަ ބައެއްގެ މަރުގެ ދައުވާ އަދި ވެސް އޮތީ ކުރި އަށެވެ. އަދި ހަމަ އެހެންމެ ކޮރަޕްޝަންގެ އިތުރު ދެ މައްސަލައެއް ވެސް ވަނީ އެ މަނިކުފާނުގެ މައްޗަށް ހުށަހެޅިފަ އެވެ.