22 Aug 2013, 18:19
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާ އަށް ފުލުސް އޮފިސަރު އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އަށް އިންކާރު ކުރެއްވުމަށް ފަހު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުލުސް އޮފިސަރު މުހައްމަދު ވަހީދު އަށް ފުރުސަތު ދިނުމަށްފަހު އެވެ.
މުހައްމަދު ވަހީދުގެ މައްޗަށް މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާ ގެންގުޅުނު ދަގަނޑު ކެނިސްޓަރުން ރީކޯ މޫސާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ރީކޯ މޫސަގެ އިތުރުން މާރިޔާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ވަނީ ފުލުހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.
މާރިޔާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާވައި ވަނީ މއ. ރަވްޟާ އިބްރާހީމް ފައިސަލްގެ މައްޗަށެވެ. އޭނާ ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.