ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ތެރޭގައި ހިމެނޭ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމަށް ފަހު އެ ބިންތައް އަނބުރާ ސަރުކާރަށް ނެގޭގޮތަށް ގަވާއިދުގައި އޮންނަ މާއްދާ ބާތިލްކުރާނެ ތެނެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ކައުންސިލްތަކާ ބިންތައް ހަވާލު ކުރުމަށް ފަހު ސަރުކާރުގެ އިޖުތިމާއީ އަދި އިގްތިސޯދީ ބޭނުންތަކަށް އެ ބިންތައް އަނބުރާ ސަރުކާރަށް ނެގޭނެ ކަމަށް "ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ގަވާއިދު" ގައި ބުނެފައިވާ މާއްދާ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، އެފަދަ ދައުލަތެއްގެ އެންމެ މުހިންމު އެއް ސިފަ އަކީ އެ ދައުލަތެއް ނިސްބަތްވާ މުޅި ގައުމުގެ މައްޗަށް އޭރަކު އެ ގައުމެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތު ހިންގުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ބާރު ނުހިނގާނޭ ގޮތަކަށް ނޫންނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭނެ ގޮތަކަށް ދައުލަތުގެ ބިންތައް ކައުންސިލްތަކަށް ދޫކުރުން ސަރުކާރުގެ މައްޗަށް ލާޒިމް ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.