22 Aug 2013, 17:23
އެންޓި ކެންޕޭނަކަށް ވާގޮތަށް ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓާ ބެހޭ ފަސް މައްސަލައެއް ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ބްރޯޑުކާސްޓިން ކޮމިޝަނުން މިއަދު ބުނީ ކެންޑިޑޭޓުންނާ ގުޅޭގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓާ ބެހޭ ފަސް މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާތީ މިހާރު އެ މައްސަލަތައް ބަލަން ފަށާފައިވާ ކަމަށެވެ.
އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނެއް ފާސްކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، ހުރިހާ ބްރޯޑްކާސްޓަރުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެ ގައިޑްލައިނަކީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް އެމެރިކާގެ ކޮންސަލްޓަންޓެއް ކަމުގައިވާ ޓެރީ އަންޒޫރުގެ ލަފާގެ މަތިން އެކުލަވާފައިވާ ގައިޑްލައިނެއް ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓް ސްޓޭޝަންތަކުން މި ދުވަސްވަރު ފޮނުވާ ކޮންޓެންޓަކީ އެ ގައިޑްލައިނާއި އެއްގޮތަށް ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކަށް ހެދުމަށް ހުރިހާ ބްރޮޑްކާސްޓަރުންނަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.