22 Aug 2013, 16:43
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ނުދިނުމަށް އެދިފައިވާ ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓު ކުރެއްވުމުން ފުލުހުންގެ ގާނޫނުގައި ބުނާ މަނާ ކަމެއް އޭނާ ކުރައްވައިފި ކަމަށް ގާނޫނީ ވަކީލުން ވިދާޅުވާން ފަށައިފި އެވެ.
ފުލުހުންގެ އެންމެ އިސް އޮފިސަރު، ރިޔާޒު ފުލުހުންގެ ގާނޫނާ ހިފާލުވި ކަމަށް ގާގޫނީ ވަކީލުން ހަވާލާ ދެއްވަނީ ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާއަށެވެ. ފުލުހުން ކުރުން މަނާ ކަންތައް ބަޔާންކޮށްފައިވާ މާއްދާގެ (ށ)ގައި ބުނަނީ ވަކިފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާނެ ކަމާ މެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ފުލުހަކު ބައިވެރިވުމަކީ މަނާ ކަމެކެވެ.
ފުލުހުންގެ ދައުރު އަދާކުރުގެ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ފުލުހުންގެ ކަންތައްތައް ބެލެހެއްޓުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ ޕޮލިސް ކޮމިޝަނަރު ކުރެއްވި "ސިޔާސީ" ޓުވީޓާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ އަމިއްލަފުޅު ހައިސިއްޔަތުން ވިޔަސް އެފަދަ ކަމެއް ކުރެއްވުމަކީ ފުލުހުންގެ ގާނޫނުގައި ބުނާ މަނާ ކަމެއް ކުރެއްވީ ކަމަށް ބެލެވޭނެ ކަމަށެވެ.
ފުލުހުން ކުރުން މަނާ ކަމެއް އަމިއްލަ ހައިސިއްޔަތުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ވެސް ފުލުހުންގެ ގާނުނުގެ 69 ވަނަ މާއްދާގައި ބުނެ އެވެ. ސުއޫދު ވިދާޅުވި ގޮތުގައި އެ މާއްދާގެ ދަށުން ރިޔާޒާމެދު ކުރެވޭ ތުހުމަތުތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ތަހުގީގު ކުރުމަށް ފަހު އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އެވެ.
"ފުލުހުންގެ ގާނޫނުގެ އެ މާއްދާގެ ދަށުން ރިޔާޒާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ފުލުހުންގެ ގާނޫނާ ރިޔާޒު ހިލާފުވީ ކަމަށް ބެލެވޭނީ އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގުކޮށް ނިންމީމަ... އަަމިއްލަ ހައިސިއްޔަތުން އެފަދަ ކަމެއް ކުރެއްވިޔަސް އެ [މަނާ ކަމެއް ކުރި ކަމުގެ ]ގޮޅިއަށް އޭނަ ފެތޭނެ،" މަދަނީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މަގާމުގައި ހުންނެވި ރިޔާޒުގެ ކުރެއްވި ޓުވިޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު ވިދާޅުވެފައި ވަނީ އެއީ "ޕާސަނަލް ގޮތުން" އޭނާ ކުރެއްވި ކަމަކަށް "ވެދާނެ" ކަމުގަ އެވެ. ނަމަވެސް ރިޔާޒުގެ ޓުވީޓުގެ މައްސަލަ ޕީއައިސީން ވަނީ ބަލަން ފަށައިފަ އެވެ.
ނަޝީދަށް ވޯޓު ނުދޭން އެދިފަައިވާ ސިޓީ ރިޔާޒު ޓުވީޓް ކުރެއްވި މައްސަލާގައި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ މަދަނީ މަސައްކަތްތަކެއް ކުރަމުންދާ ދައުލަތުގެ މުއައްސަސާގެ އެންމެ އިސްވެރިޔަކު އެފަދަ ކަމެއް ކުރުމުން ޕީއައިސީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންގެ ގާނޫނުލް ލިބިދީފައިވާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
ޓުވިޓާގައި ރިޔާޒު އާންމު ކުރެއްވި ޓުވީޓުގައި ނަޝީދަށް އިޝާރާތްކޮށް އެ ސިޓީގައި ވަނީ އެމަނިކުފާނަކީ "މަކަރުވެރި ނުލަފާ އިންސާނާ" ކަމަށާއި އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ނޫނެކޭ ބުނުމަށެވެ.
އެކަމާ ގުޅިގެން ރިޔާޒު މީޑިއާގައި ވިދާޅުވެފައި ވަނީ "އެއީ ވަކި މަގުސަދެއް އޮވެގެން ކުރި ކަމެއް ނޫން" ކަމަށާއި "މީހަކު ފޮނުވި ސިޓީއެއް ޓުވީޓްކޮށްލީ" ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.