22 Aug 2013, 16:37
މި ފަހަރުގެ ރިޔާސީ އިންތިހާބު އެހެން ހުރިހާ ފަހަރެއްގެ އިންތިހާބުތަކަކަށް ވުރެ މިނިވަން، ދެފުށް ފެންނަ މާހައުލެއްގައި ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް 16 ވަރަކަށް ދުވަހަށް ވެފައިވާ އިރު ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ އިންތިހާބްގެ މިނިވަން ކަމާ މެދު ސުވާލުއުފައްދަމުންނެވެ. އެކަމާ ގުޅިގެން ސަން އަށް ދެއްވި އިންޓަވިއެއްގައި ފުއާދު ވިދާޅުވީ ސިޔާސީ ފަރާތްތަކުން އިންތިހާބުގެ މިނިވަން ކަމާ ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކުގެ އެއްވެސް "ހަގީގަތެއް" ނެތް ކަމަށެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
"އެހެން އިންތިހާބުތަކަށް ތައްޔާރުވަމުން ގެންދިޔަ އިރު ހަމަނުޖެހުންތައް ހިނގި ނަމަވެސް މިފަހަރު މިފެންނަނީ ވަރަށް ވެސް އޮމާންކަމާ އެކު ކެންޑިޑޭޓުން ކެމްޕޭން ކުރައްވަމުން ގެންދަވާތަން. އިންތިހާބުގެ މިނިވަންކަމާ މެދު ސިޔާސީ ބޭފުޅުން ކުރައްވަމުން ގެންދާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް އޮތް ކަމަށް ނުދެކެން،" ފުއާދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިފަހަރުގެ ރިޔާސީ އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައި ވިދާޅުވެފައި ވަނީ އިލެކްޝަންސް ގައިވާ ވޯޓްލާ މީހުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ބޭސްގެ ޕާސްވޯޑް އެންމެ މީހެއްގެ އަތުގައި އޮތުމުން، މައުލޫމާތައް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުންގެ ޑޭޓާ ބޭސްއާ އަށް ލޮގްކުރާ އެއްޗެއް ލޮގް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަނީ ކޮމިޝަންގެ އެންމަހާ މެމްބަރުންގެ ވެސް ކުރިމަތީގައި ކަމަށާއި ޑޭޓާ ބޭސް އަށް ލޮގް ކުރާ އެއްޗެއް ލޮގް ކުރުމަށް ފަހު އެޑޭޓާ އަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"އިލެކްޝަންސް ގައިވާ ވޯޓްލާ މީހުންގެ ޑޭޓާ ބޭސްއާ ކުޅެ އެ އަށް ބަދަލު ގެނައުމުގެ ބާރު ކޮމިޝަންސްގެ އެއްވެސް މެމްބަރަކަށް ވެސް ޑޭޓާ ބަލަހައްޓާ މެނޭޖަރަށް ވެސް ލިބިގެން ނުވޭ. އަޅުގަނޑުމެން ޑޭޓާ އަށް އެންޓާ ކުރާ އެއްޗެއް އެންޓާ ކުރުމަށް ފަހު އެޑޭޓާ ލޮކް ކުރެވޭނެ، އޭގެފަހުން އޭތި ހުޅުވައިގެން އެއަށް ބަދަލުނުގެނެވޭނެ. އެހެންވެ އެންމެ މީހެއްގެ އަތުގައި ޕާސްވޯޑް އޮތުމަކީ މައްސަލައެއް ކަމަކަށް ނުދެކެން،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ފައިނަލް ލިސްޓް މިއަދުގެ ވަގުތެއްގައި އެކޮމިޝަންގެ ވެބްސައިޓްގައި އަޕްލޯޑްކޮށް ރިޔާސީ ކެންޑިޑޭޓުންނަށް ވެސް އެ ލިސްޓް ފޮނުވޭ ވަރުވާނެ ކަމަށެވެ.