ފުލުހުންނަށް ލިބިފައިވާ ބާރާމެދު އަމިއްލައަށް ބޮޑާނުވެ، މަޑުމައިތިރިކަމާއި ކެތްތެރިކަމާ އެކު ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މިއަދު އިސްކަންދަރުކޮށީގައި ބޭއްވި 23 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ކޯސްގެ ނަތީޖާ ފާހަގަ ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުން އަބަދުވެސް ތިބެން ވާނީ "އޮފްދާރު ކޮށްފައިވާ ބޫޓް އަށް އަރާ އިސްނަގައިގެން ފަހުރުވެރިކަމާ"އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް ފުލުހަކު އެ ފުލުހަކަށް ލިބިފައިވާ ބާރާ މެދު އަމިއްލަ އަށް ބޮޑާވެ ހުރެ މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

"ތިޔަ ފުލުހުން އަބަދުވެސް ތިބެންވާންވީ އޮފުދާރުކޮށްފައިވާ ބޫޓަށް އަރައި، އިސްނަގައިގެން ފަހުރުވެރިކަމާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް. އެއްވެސް ފުލުހަކު އެ ފުލުހަކަށް ލިބިފައިވާ ބާރާ މެދު އަމިއްލައަށް ބޮޑާވެގެން ހުރެ، މަސައްކަތްކޮށްގެން ނުވާނެ. މަޑުމައިތިރިކަމާއި ކެތްތެރިކަމާ އެކު ލިބިފައިވާ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމަށް ހުރިހާ ފުލުހުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ފުލުހުންނަކީ އަބަދުވެސް މުޖަތަމައުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ބަޔެއްކަމަށެވެ. އަދި މިއަދު ފުލުހުން އިހްސާސް ކުރާ ރީތި އަހުލާގު އަދި ގަދަރު އަބަދުގެ އަބަދަށް ދަމަހައްޓަން ވާނޭ ކަމަށާއި އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަ ގޮތަށް އެ ހިދުމަތުގައި ކުރިއަށް ދެވޭތޯ ހުރިހާ ފުލުހުން ވެސް މަސައްކަތް ކުރަން ވާނެ ކަމަށެވެ.

މިއަދު ބޭއްވި 23 ވަނަ ޕޮލިސް ރިކްރޫޓް ޓްރެއިނިންގް ކޯހުގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން 70 ދަރިވަރުންނަށް ވަނީ ހަދާނީ ލިޔުން ދީފަ އެވެ. އަދި އެކޯހުގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން ތިން ބައިވެރިއަކު އިމްތިހާނުން ފެއިލް ވެފައިވާ އިރު އެއް ބައިވެރިއަކު ވަނީ ސިއްހީ ސަބަބުތަކާ އެކު ކޯހުން ވަކިވެފަ އެވެ. އަދި ތަފާތު އެކި ސަބަބުތަކާ އެކު ހަ ބައިވެރިޔަކު ވަނީ ކޯހުން ވަކިވެފަ އެވެ.

ސެޕްޓެމްބާރު 17 އިން ފެށިގެން ހަތަރު މަސް ދުވަސް ވަންދެން ހިންގި އެ ޓްރެއިނިންގް ކޯސްގައި 12 އިންސްޓްރަކް ޓަރުން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދ ޑިޕްލޮމާ ލެވެލްގެ ހަ ބައިވެރިންނާ، އޭލެވެލެގެ 14 ބައިވެރިން އަދި އޯލެވެލްގެ 56 ބައިވެރިޔަކު ވަނީ ބައިވެރިވެފައިކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ސެޓްފިކެޓް ލެވެލް ހަތަރެއްގެ ގޮތުގައި އެކްރެޑިޓް ކުރެވިގެން ހިންގި އެކޯހުގައި ކިޔަވާދިން މާއްދާތަކަށް ބަލާ އިރު ގާނޫނާއި ޕޮލިސިންގް ސްކިލްސް އާއި ކްރައިމް ސީން އިންވެސްޓިގޭޝަންގެ އިތުރުން ކޮމިއުނިކޭޝަން ސްކިލްސް އާއި ތަހުގީގު ކުރުމުގެ ހުނަރާއި ހިޔުމަން ރައިޓްސް އާއި ޕޮލިސް އެތީކްސް ފަދަ މާއްދާތައް ހިމެނެ އެވެ. އަދި އޭގެ އިތުރުން ފިޒިކަލް ފިޓްނަސް އާއި ސްވިމިން އަދި އޮޕަރޭޝަން ސޭފްޓީ އާއި ޓެކްނިކަލް ޓްރެއިނިންގް ސިނާރިއަލް ޓްރެއިނިންގް ފަދަ މާއްދާތައް ހިމެނެ އެވެ.

އެކޯހުގައި ބައިވެރިވި ދަރިވަރުންނަށް ލިބުނުވަނަތަކަށް ބަލާ އިރު ބީފާން ސްކޮޓްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ޕޮލިސް ކޮންސްޓަބަލް އަލީ ފިރްދައުސް އެވެ. އިންޑޯ ހުރިހާ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ޕޮލިސް ކޮންސްޓަބަލް ޝިހާދް އަހުމަދެވެ. ހާޖިސް ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އާރިފް އަހުމަދެވެ. އަދި އައުޓްޑޯ ހުރިހާ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ވެސް ހޮވިަފައިވަނީ ޕޮލިސް ކޮންސްޓަބަލް އާރިފް އިލްހާމްއެވެ. ހަމައެއާއެކު 23 ވަނަ ޕޮލިސް ރިކްރޫޓްމެންޓް ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ވެސް ހޮވިފައިވަނީ ކޮންސްޓަބަލް އާރިފް އަހުމަދެވެ.