22 Aug 2013, 15:46
ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި ނަން މަޝްހޫރު ގަތަރު އެއާވޭސްއިން އެ އެއާލައިންގެ ޕަސެންޖަރ ބެގޭޖް އެލަވަންސް ނުވަތަ ކޮންމެ ޓިކެޓަކާ އެކު ގެންދިއުމަށް ލިބޭ ހިލޭ ބަރުދަނުގެ އަދަދު އިތުރުކުރުމަށް ނިންމައިފި އެވެ.
ގަތަރު އެއާލައިންސް އިން ބުނިގޮތުގައި އެކެއް ސެޕްޓެންބަރުން ފެށިގެން އެއާލައިނުގެ އިކޮނޮމީ ކްލާހުން ދަތުރުކުރާ ކޮންމެ ޕަސެންޖަރަކަށް، އާއްމުކޮށް ލިބޭ 23 ކިލޯގެ ބަދަލުގައި 30 ކިލޯ ލިބޭނެއެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ޕަސެންޖަރުގެ އެލަވަންސް 30 ކިލޯއިން 40 ކިލޯއަށް، އަދި ފަސްޓް ކްލާހުގެ ޕަސެންޖަރުންގެ އެލަވަންސް 40 ކިލޯއިން 50 ކިލޯއަށް އިތުރުވެގެންދާނެއެވެ.
ނަމަވެސް ކޮންމެ ޕަސެންޖަރަކު ވެސް ބޯޓަށް އަރުވަން ހުއްދަކޮށްފައިވާ ދަބަހުގެ އަދަދު އިތުރުކޮށްދޭން ނިންމާފައި ނުވާކަމަށާ، އެ އެއާލައިންގެ "ޕަރ ޕީސް އެލަވަންސް ޕޮލިސީ" ބޭނުންކުރަމުންދާ، ނުވަތަ ބޯޓަށް އަރުވާ ކޮންމެ ދަބަހެއްގެ ގިނަވެގެން ހުންނަންވާނެ ބަރުދަން ކަނޑައެޅިފައިވާ ގައުމުތަކުގައި ބެގޭޖް އެލަވަންސް އިތުރުކޮށް ނުދެވޭނެކަމަށް އެ އެއާލައިނުން ބުނެއެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބޭކަރ ވިދާޅުވީ ބެގޭޖް އެލަވަންސް އިތުރުކުރެވިގެން މި ދިޔައީ އެ އެއާލައިނުން ވަރަށް ވެސް ގިނަ އައު މަންޒިލުތަކަކަށް ދަތުރުތައް ފެށި ދުވަސްވަރަކާ އެކުގައެވެ.
"ވިޔަފާރިއަށް ނުވަތަ ޗުއްޓީއަށް ވިޔަސް ދިގުމުއްދަތަށް ދަތުރުކުރާ ޕަސެންޖަރުން އަންނަނީ އިތުރުވަމުން. މީގެ މާނައަކީ އެމީހުން ކޮންމެތާކަށް ދަތުރުކުރިޔަސް، ބެގޭޖް އެލަވަންސް އިތުރުވެފައި އޮތުމަކީ ކޮންމެހެން ބޭނުން ކަމެކޭ،" އަކްބަރު އަލް ބޭކަރ ވިދާޅުވިއެވެ.
ގަތަރު އެއާވޭސްއިން އިތުރަށް ހާމަކުރިގޮތުގައި ސެޕްޓެމްބަރު އެކެއްގެ ކުރިން އެ އެއާލައިނުން ދަތުރުކޮށްފައިވާ ފަރާތްތަކަށް ވެސް އެ ތާރީހުގެ ފަހުން އަނބުރާ އަންނަ ފްލައިޓުގައި އިތުރުކުރެވިފައިވާ ބެގޭޖް އެލަވަންސް ލިބޭނެއެވެ.
އަދި ބެގޭޖް އެލަވަންސަށް ވުރެ އިތުރުވާ ބަރުދަނަކަށް ނަގާ ފައިސާގެ، ނުވަތަ އެކްސެސް ބެގޭޖުގެ ރޭޓު އެކެއް ސެޕްޓެމްބަރުން ފެށިގެން އާކުރާނެ ކަމަށާއި، އެ އެއާލައިންގެ ވެބްއަސައިޓް ގަތަރު އެއާވޭސް ޑޮޓްކޮމުން އެކްސެސް ބެގޭޖަށް އަރާ ޗާޖުން 20 ޕަސެންޓު ޑިސްކައުންޓެއް ލިބޭނެކަމަށްވެސް ގަތަރު އެއާވެސްއިން ބުނެއެވެ.