މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހައްޖާޖީން އަންނަ ހަފްތާގައި މާލެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހައްޖާޖީން ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 23 ގައި މާލެ އަންނަން ފަށާނެ ކަމަށާއި ހައްޖުވެރިން މާލެ އައިސް ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.


މި މަހު 23 ގައި އަންނަ ދެ ގްރޫޕަކުން ޖުމްލަ 88 ހައްޖާޖީން މާލެ އަންނާނެ ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ. އަދި ދެވަނަ ގްރޫޕް އަންނާނީ 25 ވާ ބުރާސްފަތި ދުވަހު ކަމަށާއި އެ ދުވަހު 300 މީހުން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ފުރަތަމަ ގްރޫޕްގައި އަންނާނީ ސިސިލްފަރު ޖަމާއަތުގެ 60 މީހަކާއި އަތަމާ ޖަމާއަތުގެ 28 މީހެއް. ދެ ވަނަ ގުރޫޕު އައުމަށް ހަމަޖެހިފައި ވަނީ 25 ވާ ބުރާސްފަތި ދުވަހު. އެ ދުވަހު އައުމަށް ހަމަޖެހިފައި ވަނީ އައްސޮފާ ޖަމާއަތުގެ ހަވާލުގައި ދިޔަ 235 މީހަކާއި އަލްހައިރު ޖަމާއަތުގައި ދިޔަ މީހުންގެ ތެރެއިން 2 މީހަކާއި އަލް މަލީޝާ ޖަމާއަތުގެ 63 މީހެއް. ތިން ވަނަ ގްރޫޕް އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު. އެ ދުވަހު ހަތަރު ގުރޫޕެއްގެ 476 މީހެއް އަންނާނެ. އަދި 28 ވަނަ ދުވަހު ތިން ގްރޫޕެއްގެ 318 މީހަކު އައުމަށް ހަމަޖެހިފައިވާ އިރު 29 ވަނަ ދުވަހު ވެސް 44 މީހަކު އަންނާނެ." އަހުމަދުﷲ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެންމެ ފަހު ބައެއްގެ ގޮތުގައި، މި މަހުގެ 30 ގައި އައުމަށް ހަމަޖެހިފައި ވަނީ، މަލީޝާ ޖަމާއަތުގެ އެހީތެރިންގެ ގޮތުގައި ދިޔަ ހަތް މީހެކެވެ. އަދި ރާއްޖެ އިން ހައްޖަށް ދިޔަ އެންމެން އައިސް ނިމޭނީ ޑިސެންބަރު އެކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދުވަހު އަންނަނީ ދެ މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.


އެ މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ބަލި ހާލަތު ގޯސްވެގެން ރިޕޯޓްކޮށްފައިނުވާ ކަމަށާއި ނަމަވެސް ޖަމާއަތްތަކުގައި ތިބޭ ޑޮކްޓަރުންނާ ހިސާބުން ހޮސްޕިޓަލަކާ ހަމައަށް ގެންގޮސްފައި ވަނީ ޖުމްލަ ތިން މީހަކު ކަމަށެވެ.


"ރޯގާގެ ސަބަބުން ދެ މީހަކާއި ފައިގެ ކުޑަ ހުޅަށް ތަދުވާތީ އެކަކު ހޮސްޕިޓަލަކާ ހަމައަށް ގެންދަން ޖެހުނު. އެހެންނަމަވެސް އެ ތިން މީހުން ވެސް ހައްޖުގެ ހުރިހާ އަޅުކަމެއްގައި އެހެން މީހުންނާ އެއްފަދައިން ބައިވެރިވަމުން ގެންދިޔަ. އެއްވެސް މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމެއް އިނގިފައެއް ނެތް." އަހްމަދުﷲ ވިދާޅުވި އެވެ.


މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭގެ އަށް ގްރޫޕަކުން 1402 މީހުން މައްކާ އަށް ދިޔަ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން 2.5 މިލިއަނާއި 3 މިލިއަނާ ދޭތެރޭގެ އަދަދަކަށް މީހުން ދިޔަ އެވެ.