ތ. ތިމަރަފުށީގައި އަލަށް ހަދާ ޑޮމެސްޓިކް އެއާޕޯޓް ހިންގަން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ އެ ރަށުގައި ހަދާ އެއާޕޯޓްގެ މަސައްކަތް މިމަހުގެ 25ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެއާޕޯޓް ރަސްމީކޮށް މިމަހުގެ 30ހާތަނުގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަންވޭ އާއި ވަގުތީ ޓާމިނަލް އަދި ފެންސް ޖެހުމުގެ މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިމިއްޖެ. އެއާޕޯޓް ހުޅުވާނީ ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ފައްތައިގެން،" އޭނާ ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ ތިމަރަފުށީ އެއާޕޯޓުގައި މިހާރު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ދާއިމީ ޓާމިނަލާއެކު ޓަވަރު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އެތަނަށް ޓަވަރެއް އެހާ މުހިންމެއް ނޫން. ސެކިއުރިޓީ އާއި އެނޫން ހުރިހާ ކަމެއް ހުޅުވެންވާއިރަށް ހުންނާނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވައިގެ ހިދުމަތްދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުން ހޯދުމުގެ މަސައްކަތްކުރަނީ ފޭސްތަކަށް ބަހާލައިގެން. އެއާޕޯޓް ހުޅުވެންވާއިރަށް ހުރިހާ ކަމެއް ތައްޔާރަށް ހުންނާނީ. ދަރަވަންދޫ އެއާޕޯޓް ގޮތަށް ހުރިހާ ކަމެއް މެނޭޖްކުރާނީ މި ކުންފުނިން،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ އެއާޕޯޓް ހުޅުވުމަށްފަހު ފުރަތަމަ ހަފުތާއަކުގެ ދެ ދަތުރު ތިމަރަފުއްޓަށް ކުރާނެ ކަމަށެވެ.