ރާއްޖޭގެ އިގްތިސާދީ އަދި މާލީ ސިޔާސަތުގެ ނިޒާމު ޒަމާނީ ދައުލަތެއްގެ އުސޫލަށް ބަދަލު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސިޔާސަތާއި އަދި މާލީ ސިޔާސަތުގެ ނިޒާމް ޒަމާނީ ދައުލަތެއްގައި ހިނގާ އުސޫލަށް ބަދަލު ކުރުމަކީ އެމްޑީޕީ ސަރުކާށުގެ ސިޔާސަތެއް ކަމަށާއި ވަޢުދެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމާއި އެހެން ކަންކަން ކޮށްދެވޭނީ އަދި އެކަމަށް މަގުފަހި ވާނީ ސިޔާސަތުތަކެއް ކަނޑައަޅައިގެން. އަޅުގަނޑުމެންގެ ވަޢުދެއްނޫން އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް އެއީ އިގްތިސާދީ އަދި މާލީ ނިޒާމް ޒަމާނީ ދައުލަތެއްގައި ހިނގާ އުސޫލުން ރާއްޖޭގައި ބަދަލު ކުރުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތެއް ހިންގަން ޖެހޭ އުސޫލުން އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައި ދެވޭނީ ފުރިހަމަ ޓެކެސްގެ ނިޒާމެއް ތައާރަފް ކޮށްގެން ކަމަށެވެ. އަދި ފުރިހަމަ ޓެކެސްގެ ނިޒާމެއް ތައާރްފުނުކޮށް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސް ނުދެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޒަމާނީ ޓެކްސްގެ ނިޒާމެއް ރާއްޖެ އަށް ތައާރަފު ކުރުމަށް އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ދެކޮޅު ހަދަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖެ އަށް ޒަމާނީ ޓެކުހުގެ ނިޒާމެއް ތައާރަފްކޮށް 30،000 ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ވެސް ނަގާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އަށް ޓެކްސްގެ ނިޒާމެއް ތައާރަފް ކުރެވިފައި ނުވާ ކަމަށާއި އަދި ރައީސް މައުމޫންގެ ވެރިކަމުގައި ޓެކްސްގެ ނިޒާމެއް ތައާރަފް ކުރެވިފައި ނުވަނީ ރައީސް މައުމޫނާއި އަދި އެމަނިކުފާނުގެ ސަރުކާރާއި ވިޔަފާރިވެރިންނާއި އޮންނަ ގުޅުން ބޮޑު ކަމުން ކަމަށެވެ. އަދި ރައީސް މައުމޫނާއި ވިޔަފާރިވެރިންނާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށް ވެސް ނަޝޯދި ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މި އަހަރުގެ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރާނެ ކަމަށާއި އެކަން އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކަށް ވެސް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.