22 Aug 2013, 15:41
އެމެރިކާ ސަރުކާރުގެ އެހީގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ޑިޕާޓްމަންޓުން އަލަށް ބެހެއްޓި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ސަބަބުން ދިމާވާ މައްސަލަތައް ވަރަށް އަވަހަށް ހައްލުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ބޭނުންކުރަމުން އަންނަ ސިސްޓަމްގައި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އެ ސިސްޓަމް ބޭނުންކުރަން ފެށި ފުރަތަމަ ދުވަހު ކޮންމެ ވެސް ވަރެއްގެ ޑިލޭތަކެއް އުޅޭތީ އެ ޝަކުވާއައި. ނަމަވެސް މިހާރު އެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ. އެކަމަކު އަދިވެސް އެއް ފަހަރާ ގިނަ ފްލައިޓްތަކެއް ޖައްސާ ވަގުތެއްގައި ޑިލޭއެއް އުޅޭފާނެ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް ބެހެއްޓި ބޯޑާ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު އެއާޕޯޓުގައި ހިދުމަތްދޭ ކައުންޓަރުތައް ވެސް އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެތަނުގައި ބައެއް ކައުންޓަރުތައް މިހާރު ވެސް ހުސްކޮށް އެބަހުރި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މުވައްޒަފުން އިތުރުކޮށްގެން އެ ކައުންޓަރުތަކުން ވެސް ހިދުމަތް ދޭން. ކުރިޔަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި މައްސަލަތައް ހައްލުވާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ބެހެއްޓި ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން މުވައްޒަފުންނަށް ތަމްރީނުދީފައިވާނެ ކަމަށެވެ. އަދި މިހާރު ވެސް އޮންދަ ޖޮބް ޓްރެއިނިންތަކެއް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.