ރެއާލްމެޑްރިޑްގެ ފްރާސް ފޯވާޑް ކަރިމް ބެންޒެމާއާއި އާޖެންޓީނަ މިޑްފީލްޑަރު އެންޖެލް ޑިމާރިއަށް އާސެނަލްއިން އާސެނަލްއިން ޓާގެޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ހޯދުމަށް އާސެނަލްއިން ކުރި މަސައްކަތް ބޭކާރުވުމުން މިހާރު އެ ކްލަބުން ތައްޔާރުވަމުން ދަނީ ބެންޒެމާއަށް 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށެވެ.

އާސެނަލްގެ އެޓޭކިން ފޯސް ވަރުގަދަ ކުރުމަށް އެ ޓީމުގެ ކޯޗު އާސިން ވެންގާ ވަނީ، ރެއާލްގެ ވާތްފަރާތު އަރިމައްޗަށް ކުޅޭ ޑިމާރިއާ ވެސް ބެންޒެމާއާ އެކު އާސެނަލްއަށް ގެނެވޭތޯ މަސައްކަތް ފަށާފަ އެވެ. އަދި އޭގެ އިތުރުން ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތްވެސް އެޓީމުން ކުރިއަށް ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާއާ ޑިމާރިއާ އަކީ މީގެ ކުރިންވެސް ވެންގާ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެކުޅުންތެރިންނެވެ. އެހެން ނަމަވެސް 2009 ވަނަ އަހަރު 25 މިލިއަން ޕައުންޑުގެ ފީއަކަށް ފްރާންސްގެ ލިއޯންއިން ބެންޒެމާ ރެއާލްއާ ގުޅުނުއިރު އޭގެ އަހަރެއް ފަހުން ޑިމާރިއާ ވަނީ، ޕޯޗުގީޒްގެ ބެންފިކާއިން 20 މިލިއަން ޕައުންޑަށް ރެއާލްއަށް ބަދަލުވެފަ އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާގައި އާސެނަލްއިން މިހާތަނަށް ގެނެސްފައިވަނީ އެންމެ ކުޅުންތެރިއެކެވެ. ފްރާންސްގެ 20 އަހަރުން ދަށުގެ ފޯވަޑް ޔާޔާ ސަނޯގޯ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެޓީމަށް ގެނެސްފައިވާއިރު ލަފާކުރެވޭ ގޮތުގައި ސެޕްޓެމްބަރު 2 ވަނަ ދުވަހު ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން އެޓީމުން ކުޅުންތެރިން ހޯދުމަށް 100 މިލިއަން ޕައުންޑު ހަރަދުކުރާނޭ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި އެސްޓަންވިލާ އަތުން 3-1 ބަލިވެފައިވާ އިރު ޗެމްޕިއަންސް ލީގު ޕްލޭއޮފްގައި ރޭ ތުރުކީގެ ފެނަބާޗޭ އަތުން މޮޅުވި މެޗަށްފަހު ވެންގާ ބުނީ، ޓްރާންފާ މާކެޓް އަދި ކިރިޔާ ފެށުނީ ކަމަށާއި ކުރިއަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި އެޓީމުން ވަރަށް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށެވެ.