ހުރަވީ ބިލްޑިންގްގައި ހުރި އިމިގްރޭޝަން އޮފީސް މަރާމާތު ކުރުމަށް 2.9 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިމިގްރޭޝަންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި 65 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް 2.9 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްއެސް ކާޕެންޓްރީ އާ އެވެ.

މިއަދު އޮތް ސޮއި ކުރމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އެގްރިމެންޓްގައި 65 ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށް އޮތް ނަމަވެސް ބަލަނީ 45 ދުވަހުގެތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އިމިގްރޭޝަންގެ މަސައްކަތްތައް އެކި އިމާރާތްތަކުގައި ހިންގަން ޖެހުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ނިމުމުން އެކަންކަން ހައްލު ކުރެވިގެންދާނެ ކަމަށް މިނިސްޓާރު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތްތައް އަވަސްވެ ހަލުއިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.