އެއާޕޯޓުތެރޭ އަނބިމީހާ އަށް އަނިޔާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ޑޮމެސްޓިކް ޓާމިނަލްތެރޭ ހަމަނުޖެހުން ހިނގި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު އޮތް ފްލައިޓަކުން މާލެ އައި ދެމަފިރިން ތަޅައިގަތީ އެއާޕޯޓު ޑޮމެސްޓިކް ޓާމިނަލްތެރޭ ކަމަށެވެ. އަދި އަންހެން މީހާ އަށް ފިރިހެން މީހާ އަށް އަނިޔާކުރަން ފެށުމުން އެއާޕޯޓު ސެކިއުރިޓީން ގޮސް ފިރިހެން މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަންހެންމީހާ އަށް އަނިޔާކުރި އިރު އޭނާގެ އާއިލާ މީހަކު ވެސް އޭރު ހުރި ކަމަށާއި އެކަމާ ހިތްހަމަނުޖެހިގެން އެއާޕޯޓުތެރޭ ޒުވާބުކޮށް ހަދާފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނުނު ބުނާ ގޮތުން ގެވެށި އަނިޔާގެ ކޮންމެ އަމަލަކީ ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގި ނަމަވެސް ކަނޑައެޅިގެން ގާނޫނާއި ޚިލާފެއް ކަމެއް ކަމުގައި ވަނީ ބުނެފަ އެވެ.