22 Aug 2013, 14:32
ރިޓަޔާމަންޓް ޕެންޝަން އެކަންއުންޓްތަކުގެ ތަފްސީލްތައް ބަލާލުމުގެ ފުރުސަތު ދިނުމުގެގޮތުން ޕެންޝަން އޮފީހުން ހަރަކާތެއް ފަށައިފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ޝުޖާއު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަދު ހަވީރު ހަތަރެއް ޖަހަންދެން އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިންނާއި މީރާ އޮފީސް ދޮރުމަތީގައި ބަހައްޓާފައި ހުންނަ ޕެންޝަން އޮފީހުގެ ޓެންޓްތަކަށް ޒިޔާރަތްކޮށް އެބޭފުޅެއްގެ ޕެންޝަން އެކައުންޓުގެ މައުލޫމާތް ސާފުކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ސްކީމްގައި ބައިވެރިވެފައި ތިބި ފަރާތްތަކުން އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި ޗެކް ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގަތުން، އެއީ ޕެންޝަން ފައިސާ ޖަމާކުރެވިގެންދާ ގޮތާއި އެފައިސާއަށް އަންނަ ބަދަލުތަކާއި އެހެނިހެން މައުލޫމާތު ލިބޭނެ އިންތިޒާމް އަޅުގަނޑުމެން މިހާރު މިވަނީ ހަމަޖައްސާފަ" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު އެކަނި އެ ޕްރޮގުރާމް ކުރިއަށް ގެންދިޔަނަމަވެސް ތަރުހީބު ލިބޭވަރަކުން ގިނަ ގިނައިން އެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާކަމަށެވެ.
ޕެންޝަން އެކައުންޓްގެ މައުލޫމާތް އޮންލައިންކޮށްވެސް ބެލެއެވެ.
ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންގެ މުސާރައިން އުނިކުރުމަށްފަހު ދައްކަން ޖެހޭ ރިޓަޔާމަންޓް ސްކީމް ފަންޑަށް 1521 ފަރާތަކުން ފައިސާ ދައްކަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި އެ ސްކީމްގައި 70،000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.