މާލެ އަތޮޅު ގުރައިދޫ ފަޅުތެރޭގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެ،  މީހަކު ފިހި، އަދި 250000 ޑޮލަރު [3.21 މިލިއަން ރުފިޔާ]ގެ ޑައިވިން އިކްވްމަންޓްސް ހަލާކުވެފައިވާ ކަމަށް ދޯނީގެ ވެރިފަރާތް، ކާޕެޓިއަމް މޯލްޑިވްސް އިން ބުނެފި އެވެ.


އިއްޔެ ހަވީރު ހައެއްޖަހާ އެހާކަންޙާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ، ކާޕެޓިއާ މޯލްޑިވްސް އިން ބުނި ގޮތުގައި، ޑައިވިން ފުޅިތަކަކަށް ވައިއަޅަން އުޅުމުގެ ތެރޭގައި ކޮމްޕްރެޝަރުގައި ރޯވެގެންނެވެ.


އެ ކުންފުނީގެ އޮޕަރޭޝަންސް ޑިޕާޓްމެންޓުން ވާހަކަ ދެއްކެވި މުހަންމަދު ހާދީ މިއަދު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުންފުނީގެ ސަފާރީ “ކާޕެޓިއަމްގެ” ޑައިވިން ދޯނީގައި އަލިފާން ރޯވެ، އެކެއްގެ ކަށިމައްޗާއި ފައިތިލަ ފިހިފައިވާ ކަމަށާއި ނަމަވެސް އޭރު ދޯނީގައި ފިހުނު މީހާގެ އިތުރަށް ދެން ތިބި އަނެއް ދެ މީހުންނަށް އެއްވެސް ގެއްލުމެއް އަދި އަނިޔާއެއްވެފައި ނުވާ ކަމަށެވެ.


"މިކަމެއް ހިނގީ ގުރައިދޫ ފަޅުތެރޭގައި [ދޯނި] އޮއްވައި. އެއް ކުރޫއެއްގެ ކަށިމައްޗާއި ފައިތިލަ ކޮންމެ ވެސް ވަރަކަށް ފިހިފައި ހުރީ. އަނެއް ދެ މީހުންނަށް އެއް ވެސް ގެއްލުމެއް ނުވޭ. ކޮންޕުރެޝަރުތެރޭގައި ހުޅުގަނޑު ހިފައިގެން ކޮންޕުރެޝަރުން ކޮންމެވެސް ގޮތަކަށް ދިމާވި މައްސަލައެއް މީ،" ހާދީ ވިދާޅުވި އެވެ.


އެ ހާދިސާގައި ފިހުނީ ކޮން ރަށެއްގެ ކާކުކަމާއި އެ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާދީ ނުދެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާ މާލެ ގެނެސް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، މިހާރު އޭނާގެ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ.


ހާދީ ވިދާޅުވީ އެ ހާދިސާގައި ދޯނީގައި ހުރި 23 މީހުންގެ ޑައިވިން އިކްވިޕްމަންޓްސް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އަދި އެތަކެތީގެ އަގު މަދުވެގެން 250000 ޑޮލަރަށް އަރާނެ ކަމަށެވެ. އޭގެ އިތުރުން ދޯންޏަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"ތޭވީސް މީހުންގެ ޑައިވް އިކުއިޕްމަންޓްސް އެއްކޮށް ހަލާކުވެފައި ވަނީ. އަދި ދޯނީގައި އިން އެއް ކޭޓޫގެ ކޮންޕުރެޝަރަކާއި ދެން ޑައިވް ބާސްކެޓާއި ދޯންޏަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައި ހުރީ. ހުރިހާ އެއްޗެއް  އެއްކޮށް އެއީ 250000 ޑޮލަރު." ހާދީ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ދޯނީގައި ހިފި އަލިފާންގަނޑު ކޮންޓުރޯލް ކުރީ އެތަނުގައި އޮތް އެހެން ދޯންޏެއްގެ ބައެއްގެ އެހީތެރިކަމާ އެކު ކަމަށާއި އަދި ދޯނި މިހާރު މާލެ ގެނެސް މަރާމާތަށް އެހެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް ވެސް ވަނީ އެ ހާދިސާ ހިނގިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.