22 Aug 2013, 13:42
ތިން އަހަރު ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ބޯނަސް ދީފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން މިމަހުގެ ފަސް ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކަށް ލިބުނު ބޮޑުކުރިއެރުމާ ގުޅިގެން މުވައްޒަފުންނަށް ބޯނަސް ދޭން ބޯޑުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބޭންކުން މުވައްޒަފުންނަށް ބޯނަސް ދޭން ނިންމި އުސޫލެއް އަދި ބޯނަސްގެ ގޮތުގައި މުވައްޒަފުންނަށް ބަހަން ނިންމީ ކިހާ އަދަދެއް ކަމެއް އެ ނޫސްބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ބޭންކުގެ ބްރާންޗެއްގެ އިސް އޮފިޝަލަކު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯނަސް ބެހި ގޮތާ މެދު "ޓޯޓަލީ ހެޕީއެއް ނޫން" ކަމަށެވެ.
"އެއް ލެވެލެއްގައި މަސައްކަތް ކުރާ ދެ މީހުންނަށް ދެ ވަރަށް ބޯނަސްދީފައި އެބަ ހުރި. މުވައްޒަފުން އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ އެކަމާ ހެދި،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ މަދު ބަޔަކަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ބޯނަސްގެ ގޮތުގައި ލިބުނު ކަމަށް އަޑުއިވިފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ބޯނަސް ބެހި އުސޫލެއް މުވައްޒަފުންނަށް ހާމަކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުސާރައިގެ ބޯނަސްދޭއިރު ޕާފޯމަންސް އަށް ވަރަށް ބޮޑަށް ބަލާނެ. ނަމަވެސް އެ މާކްސް ދޭ އުސޫލެއް އާއްމުކޮށްފައެއް ނުވޭ. އެ އުސޫލްގެ މަތިން މިފަހަރު ވެސް ބޯނަސް ދީފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ބޭންކްގެ މާކެޓިން ޑިޕާޓްމަންޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޯނަސްއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭންކުން ބޭނުންނުވާ ކަމަށެވެ.
އެ ބޭންކުގެ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 74ޕަސެންޓް އިތުރުވެ، ހަ މަސް ދުވަހުގެ ފައިދާއިން 50ރ.ގެ ހިއްސާ އަކަށް 9.29ރ. ބަހަން ވަނީ ނިންމައިފަ އެވެ.
މިއީ 2008 ވަނަ އަހަރުގެ ފަހުން ބޭންކުން އާންމު ހިއްސާދާރުންނަށް ފައިދާ ބަހާ ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 527 މިލިއަން ރުފިޔާ ލިބިފަ އެވެ.