ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު މިއަދު ސަން އަށް ވިދާޅުވީ ހޮނޑައިދޫ މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވާނެ ކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ.

އެގޮތުން ހާމިދާއި ޖާބިރުގެ އިތުރުން ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލު،37، ގެ މައްޗަށް އުފުލާފައި ވަނީ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"އަބްދުﷲ ޖާބިރު އާއި ހާމިދުއަބްދުލްޣަފޫރު އާއި ޖާދުﷲ ޖަމީލުގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައި. އެއީ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ،" ނާޝީދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ އެ ތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ ހ. ހުޅުގަލި އިބްރާހީމް ހުސައިން ޒަކީގެ ދަރިކަލުން މުހައްމަދު ހަމްދާނު ޒަކީގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވާ ކަމަށެވެ.

ހަމްދާން ޒަކީގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ އޭނާގެ އަތުން 18 ގްރާމްގެ ކެނަބިސް ފެނިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު ހަމްދާން ޒަކީގެ މައްޗަށް ކޮށްފައި ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ. އެ ދައުވާ ކޮށްފައި ވަނީ އޭނާގެ އަތުން 18 ގްރާމްގެ ކެނަބިސް ފެނިފައިވާތީ،" ނާޝިދު ވިދާޅުވި އެވެ.

ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކޮންމެ މީހަކު 15 އަހަރަށް ޖަލަށްލުމާ އެކު 25،000ރ. އިން ފެށިގެން 500،000ރ.އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އެގޮތަށް ބަޔާން ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ)ގަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ކެނަބިސް ޓްރެފިކްކުރި ކަމަށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ ކުށް ކަނޑައަޅާނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 106 ވަނަ މާއްދާގެ (ނ)ގަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ނާޝިދު ވިދާޅުވީ އެބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު 54، އާއި އޭނާގެ އަނބިކަނބަލުން މއ.މަނާގޭ މަރިޔަމް ފާއިޒް 52،ގެ މައްޗަށް ވެސް ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަކީގެ މައްސަލަ ތަހުގީގު ފުރިހަމަކުރެވިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.