ޒިނޭ ކުރި ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށް ބުނެ ޖުވެނަލް ކޯޓުން ށ. ފޭދޫ ކުޑައަންހެން ކުއްޖެއްގެ މައްޗަށް އިއްވި ހައްދުގެ ހުކުމް ހައިކޯޓުން ބާތިލު ކުރުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެ ކުއްޖާގެ މައްޗަށް ޖުވެނަލް ކޯޓުން އިއްވާފައިވާ ޒިނޭގެ ހައްދުގެ އަދަބު ހައިކޯޓުން ބާތިލު ކުރުމާ ގުޅިގެން ރައީސް ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހައިކޯޓުން ކުރި ހުކުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ މައްސަލައިގައި ހިމެނުނު ކުޑަކުއްޖާ މިހާރު ވެސް ހުރީ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށާއި އޭނާ އަށް ދިމާވެފައިވާ ހިތާމަވެރި ކަންކަމުން ސަލާމަތްވެ މުޖުތަމައުގައި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ އެހީ އޭނާ އަށް ދައުލަތުން އަދިވެސް ފޯރުކޮށްދޭނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އުމުރުން ވަރަށް ކުޑައިރުއްސުރެ ބައެއްގެ ޖިންސީ ޝިކާރައަކަށްވެފައިވާ 15 އަހަރުގެ ކުޑަ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުރި ޒިނޭގެ ކުށުގެ ދައުވާ އާއި، އެކުށް ސާބިތުވެ ކުރެވުނު ހައްދުޖެހުމުގެ އަދަބު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިގެންނަވާ،" ކަމަށެވެ.

ރާއްޖޭގެ ހާލަތަށް ބަލާ އިރު އަންހެނުންނާއި ކުޑަކުދިންނާ ދޭތެރޭ ކުރެވޭ ޖިންސީ ކުށުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ގިނަވަމުންދާ ކަަމަށާއި އެފަދަ މައްސަލަތަކުގައި އަންހެނުންނާއި ކުދިން އިތުރަށް ޖިންސީ ޝިކާރައަކަށް ވެގެން ނުދާނެ ގޮތަކަށް ޖިނާއީ އަދުލުގެ ނިޒާމް އެކުލަވާލެވިގެން ދިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެފަދަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އޮނިގަނޑަށް ކޮންމެހެން ބޭނުންވެފައިވާ އިޖުރާއަތުތައް ގާއިމުވެގެން ދިޔުމަކީ މިއަދުގެ ހާލަތަށް ބަލާ އިރު އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުނުވުމަށް އެޅޭ ވަރަށް ވެސް އެދެވޭ ފިޔަވަޅެއް،" ރައީސް ވިދާޅުވެފައިވެ އެވެ.

އެކުއްޖާގެ މައްޗަށް ކުރި ހުކުމުން އިސްލާމީ ޝަރިއާގައި އެފަދަ ކަންކަމުގައި ހަމަޖެހިފައިވާ ހަރުދަނާ އުސޫލުތައް އޮޅުމެއްނުވާ ގޮތަށް ގާއިމުވެ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ބަޔަކަށް ވެގެން ދިޔަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެކުއްޖާގެ މައްޗަށް ޖުވެނަލް ކޯޓުން ކުރި ޒިނޭގެ ކުށުގެ އަދަބު ނުދޭން ހައިކޯޓުން ނިންމި ނިންމުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމުން) އިން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.