22 Aug 2013, 12:01
އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އިން ބޭރުގެ 73 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން" ރޭ ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާ ކުރުމަށް ޓަކައި ރާއްޖެ އިން ބޭރުގެ 22 މޮނިޓަރުން ހަރަކާތްރިވާނެ ކަމަށެވެ.
"އަންނަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި މި ބާއްވާ ރިޔާސީ އިންތިހާބު އަބްޒާވް ކުރުމަށް ރާއްޖެ އިން ބޭރުގެ 73 އޮބްޒާވަރުން ހަރަކާތްތެރިވާނެ. އަދި މޮނިޓަރުންގެ ގޮތުގައި އެއީ ބޭރުގެ ނޫސްވެރިންނާއި ބޭރު ގައުމުތަކުގެ މީޑިއާތަކުގެ ގޮތުގައި 22 މޮނިޓަރުން ހަރަކާތްތެރިވާނެ،" ފުއާދު ތައުފީގު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ 2222 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މޮނިޓަރުންގެ ގޮތުގައި 1694 މީހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ މި އަހަރުގެ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1399 މަންދޫބުން ހަރަކާތްރެރި ވާނެ ކަމަށެވެ.