22 Aug 2013, 11:36
އިނގިރޭސި ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން އުނދަގޫ ގޮތަކަށް 2-1 އިން ޗެލްސީ މޮޅުވެއްޖެ އެވެ.
ލީގުގައި ވިލާ ކުޅުނު ފުރަތަމަ މެޗުން އެމިރޭޓްސް ސްޓޭޑިއަމްގައި 3-1 އިން އާސެނަލް ބަލިކުރި މެޗަށްފަހު ޗެލްސީއާ ދެކޮޅަށްވެސް ރޭ ޕައުލް ލަމްބާޓްގެ ޓީމުންވަނީ، ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ރޭގެ މެޗުގައި ޗެލްސީ ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ވިލާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނތް ލަނޑެކެވެ. މެޗުގެ ހަވަނަ މިނިޓުގައި އެޑިން ހަޒާޑް ފޮނުވާލި ބޯޅަ އެންޓޯނިއޯ ލޫނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބޯޅަގޮސް ވަނީ ބައިކޮޅަށެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނިޓުގައި ކްރިސްޓިއަން ބެންޓެކޭ ވަނީ، ލަނޑެއް ކާމިޔާބުކޮށް ވިލާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޗެލްސީ މޮޅުވި ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއަން ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗް އެވެ. ވިލާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފްރޭންކް ލަމްޕާޑު ފޮނުވާލި ރީތި ހިލޭ ޖެހުމެއް އިވަނޮވިޗް ވަނީ އެހާމެ ރީތިކޮށް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ރޭގެ މެޗު ނިމެން ދަނިކޮށް ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވިލާއިން ފޮނުވާލި ބޯޅައެއް ސަލާމަތްކުރަން ކުޅުމުގެ ތެރޭގައި ޓެރީގެ އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީއެއް ދިނުމަށް ވިލާގެ ކުޅުންތެރިން އެދުނު ނަމަވެސް ރެފްރީގެ ދެއްކީ ކުޅުން ކުރިއަށް ގެންދިއުމަށެވެ.
ހުސްވި އަހަރުގެ ޑިސެންބަރުގައި މިދެޓީމް ސްޓެމްފޮޑް ބްރިޖްގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރީ 8-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ވިލާއިން ވަނީ ޗެލްސީ ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތި ކުރުވާފަ އެވެ.
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެގޮތުން މޮރީނިއޯގެ ދެ ދައުރުގައި އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު 62 މެޗުގެ ތެރެއިން 48 މެޗުން މޮޅުވެފައިވާ އިރު އަނެއް 14 މެޗުން ވަނީ އެއްވަރު ވެފަ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު އެޓީމަށް ކުރިއަށް އޮތީ ވަރުގަދަ ދެ މެޗެވެ. އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭއިރު އޭގެ ހަތަރު ދުވަސް ފަހުން ޔޫރަޕިއަން ސުޕަ ކަޕްގައި އެޓީމު ވާދަކުރަން ޖެހޭނީ ޖަރުމަނުގެ ބަޔާން މިޔުނިކާ އެވެ.