ސްޕެނިޝް ސުޕަ ކަޕުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ފޯވާޑް ނޭމާއެ ޖަހައިދިން ލަނޑުން ބާސާ ސަލާމަތްވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް 12 ވަނަ މިނެޓުގައި ނެގީ އެތުލެޓިކޯ އެވެ. އެ ލަނޑު އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ބާސާއިން ދާދިފަހުން އެެތުލެޓިކޯ އަށް ބަދަލުވި ސްޕެއިންގެ ފޯވާާޑް ޑޭވިޑް ވިލާ އެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު އެމެޗު ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ ދެ ވަނަ ހާފުގައި އެޓީމުގެ ފޯވާާޑް މެސީގެ ބަދަލުގައި ކުޅެން ނުކުތް ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މިއީ ނޭމާ ބާސާއަށް ބަދަލުވި ފަހުން އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ބާސާގެ ކޯޗް ޖެރާޑޯ މާޓިނޯ ބުނީ، އިދިކޮޅު އެތުލެޓިކޯއިން ވަރަށް ރަނގަޅު ގޭމެއް މެޗުގެ ފުރަތަމަ ހާފުގައި ކުޅުނު ކަމަށާއި އެހެން ކަމުން ބާސާގެ ފޯވާޑުން ނަށް މެޗުގެ ލީޑް ނެގުމަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އަދި މެސީ އަށް އަނިޔާާވުމުން އޭގެ އަސަރު ޓީމަށް ކުރި ކަމަށް ވެސް ކޯޗް ޖެރާޑޯ ބުންޏެވެ.

"ބަލިނުވެ ސަލާމަތްވީ ނޭމާގެ ސަބަބުން. އަހަރެން އޭނާއަށް މަރުހަބާ ކިޔަން. އެކަމަކު މެސީއަށް ރޭގެ މެޗުގައި އަނިޔާވުމުން އޭގެ އަސަރު ޓީމަށް ކުރި. މެސީގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ތަފްސީލް އިނގޭނީ ޓެސްޓު ތައް ހެދުމަށްފަހު" ޖެރާޑޯ ބުންޏެވެ.