ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން އެއް ވެސް ޕާޓީ އަކާ އެކު ކޯލިޝަން ހަދައިފައި ނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.


އަދާލަތު ޕާޓީގެ ފަރާތުން މިއަދު ނެރެފައިވާ ބާޔާނެއްގައި ބުނަނީ އެ ޕާޓީގެ މަސްވަރާ މަޖިލީހުން ނިންމާފައިވާ ގޮތުގެ މަތިން ޕާޓީގެ ގޮފިތަކަށް އެ ގޮފިތަކުން ބޭނުން ބަޔަކާ ގުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.


" ކައުންސިލް އިންތިހާބުގައި ކުރިއަށް ދިއުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖުލީހުން ނިންމާފައި ވަނީ ޕާޓީތަކުގެ ގޮފިތަކުން ބޭނުންވާ ބަޔަކާ ގުޅިގެން ކުރިއަށް ދިޔުމަށް. ވަކި ޕާޓީއަކާއި ވަކި ޖަމާއަތަކާއި ގުޅޭކަށް އަންގާފައެއް ނުވޭ. ކޮންމެ ގޮތްޕަކުންވެސް އެބައެއްގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަށް ދީފައިވާ އިޙްތިޔާރާއި އެއްގޮތަށް ރަށްރަށުގެ ގޮފިތަކުން ދަނީ މަސައްކަތް ކުރަމުން." އަދާލަތު ޕާޓީގެ އެ ބަޔާނުގައިވެ އެވެ.


މިކަމާ ގުޅޭގޮތުން މިއަދު ސަން އޮންލައިނާއި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާން އައްސައިހް މުހައްމަދު ސަހީމް އަލީ ސައީދު ވިދާޅުވީ އެ ޕާޓީގެ މަޝްވާރާ މަޖުލީހުގެ ނިންމުމާއި އެއްގޮތަށް ޕާޓީގެ ގޮފިތަކުން އެ ގޮތްޕެއް ނިސްބަތްވާ ރަށެއްގެ މަސްލަހަތު ނިޔާކުރާ ގޮތަކަށް ޕާޓީތަކާއި މިހާރު ގުޅިފައިވާ ކަމަށާއި އެހެނަސް އޭގެ މާނައަކީ ސަރުކާރާއި ދެކޮޅަށް ކޯލިޝަނެއް ހެދީ ނޫން ކަމަށެވެ.


" އެ އޮތީ އެމީހުންނަށް އޮތޯރިޓީ ދީފަ އެމީހުން ބޭނުން ބަޔަކާއި އެއްކޮށް ކުރިއަށް ދާން. އެހެންވީމަ ބައެއް ރަށްރަށުގަ އެބަ އުޅޭ އެމްޑީޕީ އާއި ގުޅިގެން އަނެއް ބައި ރަށްރަށުގަ އެބައުޅޭ އެހެން ޕާޓީތަކާއި ގުޅިގެން ވެސް. އެރަށެއްގެ މަސްލަހަތު އޮތް ގޮތަކަށް ކުރިއަށް ދާން އެމީހުންނަށް އެ އޮތީ އޮތޯރިޓީ ދީފަ. އޭގެ މާނައެއް ނޫން ޑީއާރުޕީ އާއި ވަކިން ސަރުކާރާއި ދެކޮޅަށް ކޯލިޝަނެއް ހެދިއްޔެކޭ." ޝަހީމް ވިދާޅުވި އެވެ.