22 Aug 2013, 11:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސިވިލްސާވިސް މުވައްޒަފުންގެ އަތުން އުނިކުރި ފައިސާ ނުލިބޭ ފަރާތެއްވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސީއެސްސީގެ ރައީސް ޑރ. މުހައްމަދު ލަތީފް ވިދާޅުވީ އުނިކުރި ފައިސާތައް މުވައްޒަފުންނަށްދީ ޚަލާސްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ނަމަވެސް ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ފައިސާ ލިބިފައިނުވާ ފަރާތެއްވާ ނަމަ އެކަން އެ ކޮމިޝަނަށް ހުށަހެޅުއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"ސިވިލްސާވަންޓުންގެ އަތުން އުނިކުރި ފައިސާ ނުލިބޭ އެއްވެސް މީހަކު ހުރެއްޖެ ނަމަ އެކަން ސިވިލްސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ލަތީފް ވިދާޅުވި އެވެ.
އުނިކުރި ފައިސާތައް ނުލިބޭ ކަމުގެ ޝަކުވާ ސަންއާ ވެސް ބައެއް ސިވިލްސާވަންޓުން ވަނީ ހިއްސާކޮށްފަ އެވެ.
ސަންއާ ވާހަކަ ދައްކަވަމުން ގއ. ގެމަނަފުށީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު އަހްމަދު ޒަރީރު ވިދާޅުވީ އެ އަތޮޅުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކުރިއަށް އޮތް ހަތަރު މަހަށްވާ ފައިސާ ލިބިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގެމަނަފުށީ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވަން ޖެހޭ ހުރިހާ ލިޔުންތަކެއް ފޮނުވާފައިވާތާ އެތަކެއް ދުވަސްވެފައިވާ ކަމަށެވެ.