"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން މާލޭ ގަލޮޅު ދެކުނުގައި ހެދި ފުޓްސަލް ދަނޑަށް ގ. ޖޫލިއެޓް އަބްދުﷲ ރަޝީދު (ޖޫލޭ) ފުޓްސަލް އެރީނާ ގެ ނަމުން ނަން ދީފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، ގަލޮޅު ދެކުނުގައި ހެދި ފުޓްސަލް ދަނޑަށް " ޖޫލޭ ފުޓްސަލް އެރީނާ" ގެ ނަމުން ނަން ދިނީ ޖޫލޭ އަކީ ގަލޮޅަށް ނިސްބަތްވެ ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ، ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކަށް ވުުމުން ކަމަށެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ ޖޫލޭގެ ނަމަށް އެ ދަނޑު ނަން ބަދަލުކުރިކަން ސަރުކާރުގެ ގެޒެޓްގައި ވެސް އަންގައި އިއުލާން ކޮށްފައެވެ.

މިމަހުގެ 13 ވަނަ ދު ވަހު ސަރުކާރުގެ ގެޒެޓްގައި އާންމު ކޮށްފައިވާ އިއުލާންގައި ބުނެފަިއ ވަނީ،" ޖޫލޭ ފުޓްސަލް އެރީނާ ކުޅިވަރާ ބެހޭ މިނިސްޓްރީން ހަމަޖައްސާފައިވާ އުސޫލެއްގެމަތިން 14 އޮގަސްޓު 2013 އިން ފެށިގެން އާންމު ފަރާތްތަކަށް އެ ދަނޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލެއްގެ މަތިން ކަމަށެވެ. އެއީ ދަނޑުގެ ބުކިންސް ހެދުމަށް ރަސްމީ ދުވަސްތަކުގައި 9:00 ން 14:30 އަށް ކުޅިވަރުގެ ހިދުމަތްތަކާބެހޭބައިގެ [މާލެ ކުޅިވަރު އެކުވެނީިގެ] 3325758 ނަންބަރު ފޯނަށް ގުޅުއްވުމަށް ފަހު ކަމަށެވެ." ސަރުކާރުގެ ގެޒެޓުގައި ބުނެފައި ވެއެވެ.

ހުސްވު މޭމަހުގެ 29 ވަނަ ދުވަހު ނިޔާވި ޖޫލޭ އަކީ ބައިނަލް އަގުވާމީ ފުޓްބޯޅަ މެޗެއްގައި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑު ޖަހައިދިން ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.

ޖޫލޭ ރާއްޖޭގެ ގައުމީ ޓީމަށް ޖައިދިން ތާރީޚީ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑްސް ގޭންމްސްގައި ރާއްޖެއާއި ކޮމޮރޯސް ބައްދަލު ކުރި މެޗުގައި ކޮމޮރޯސްގެ ކޮޅަށެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބު އުފެއްދުމުގައި ވެސް ހަރަކާތްތެރިވެ، އެޓީމުގެ ޑިފެންޑަރުގެ މަގާމް ބަލަހައްޓައި ދިން ޖޫލޭ އަކީ 1985 ވަނަ އަހަރު އެކުލަބު ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި މިލްކު ކުރި އިރު ވިކްޓަރީގެ ކެޕްޓަނެވެ. އަދި އޭގެ ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ޖޫލޭވަނީ ވަރަށް ފަހަކާ ޖެހެންދެންވެސް ވިކްޓަރީގެ އޮފިޝަލެއްގެ ގޮތުން ވިކްޓަރީއަށް ހިދުމަތް ކޮށްދީފަ އެވެ.