22 Aug 2013, 10:50
އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބުދުﷲ ޔާމީނާ މެދު ވާދަވެރިން ގަވައިދުން ދައްކާ އެއްވާހަކައެއްވެ އެވެ. އެއީ ޔާމީނަކީ "ބޮޑާ ބޭފުޅެއް"ކަމަށް ބުނެ ދައްކާ ވާހަކަ އެވެ.
ނަމަވެސް ޔާމީނަކީ އެފަދަ ބޭފުޅެއް ނޫން ކަމަށް އާއިލާގެ ބޭފުޅުންނާއި އެކުވެރިން ވަނީ ވިދާޅުވެފަ އެވެ. އެމްބީސީގެ ޓީވީއެމުން ގެނެސްދިން "ރިޔާސީ ކެންޑިޑޭޓް" ޕްރޮގްރާމްގައި ޔާމީނުގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ "ޔާމީނަކީ މަޖާ ބޭފުޅެއް" ކަމަށެވެ. އެބޭފުޅުން އެހެން ވިދާޅުވި ނަމަވެސް ފެންނަ މަންޒަރު އެއާ ވަރަށް ތަފާތެވެ. ޔާމީނު ހިނިތުންވެވަޑައިގަންނަވާތަން ފެނުމަކީ ހުދުކާޅެއް ފެނުން ފަދަ ކަމެކެވެ.
ޔާމީނުގެ މިޒާޖާ ބެހޭ ގޮތުން ފާޑުކިއަނީ ވާދަވެރިން އެކަނި ކަމަށް ކުރިން ހީކުރެވުނެވެ. ބެލެވިފައި އޮތީ އޭނާގެ ސަޕޯޓަރުންނަށް އެކަން މައްސަލައަކަށް ނުވާކަމެވެ. ނަމަވެސް ޓީވީއެމްގެ "ސިޔާސަތު" ޕްރޮގްރާމްގައި ޔާމީނު ރޭ ވިދާޅުވި ވާހަކަފުޅަކުން އެއީ ރަނގަޅުހީއެއް ނޫންކަން އެނގިއްޖެ އެވެ.
"ތަންކޮޅެއް ބޮޑަށް ހިނިއައިސްފައި ހުންނަތަން ފެނުމަކީ އުފާވާނެ ކަމެއް ކަމަށް" ސަޕޯޓަރުން ބުނާ ކަމަށް ޔާމީނު ރޭ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ އުނދަގޫ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ރަށްޓެހިން ވެސް، ރައްޓެހިން ނޫން މީހުން ވެސް އަޅުގަނޑު ކައިރީ ބުނޭ، ތަންކޮޅެއް ބޮޑަށް ހިނިއައިސްފައި ހުންނަތަން ފެނުމަކީ އަޅުގަނޑުމެން ވަރަށް އުފާވާނެ ކަމެކޭ،" ސިޔާސަތު ޕްރޮގްރާމްގައި ޔާމީނު ރޭ ވިދާޅުވި އެވެ.
ރޭ ދެއްކެވި ވާހަކަފުޅުން އެނގުނު އަނެއް ކަމަކީ އަމިއްލަފުޅު މިޒާޖަށް ބަދަލު ގެންނަވަން ޖެހޭ ކަމަށް ޚުދު ޔާމީނު ވެސް ގަބޫލުފުޅުކުރައްވާ ކަމެވެ. ނަމަވެސް އެއީ އުނދަގޫ ކަމެއް ކަން ވެސް އެނގުނެވެ.
"ދެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ މިޒާޖަށް އެބަދަލު ގެންނަން ޖެހޭ ކަންނޭނގެ، އެހެން ނޫން ކަމަށް ވަންޏާ މީހުންނާ ބައްދަލުކުރުމާއި މީހުންނާ މުއާމަލާތް ކުރުމުގައި ތަފާތެއް ގެންގުޅޭ މީހެއް ނޫން، އެހެން ނަމަވެސް ތަންކޮޅެއް އުނދަގޫ އަބަދު ހިނިއައިސްފައި ހުންނަން އިނގޭތޯ،" ޔާމީނު ވިދާޅުވި އެވެ.
މިޒާޖު ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާކަން ގަބޫލުކުރައްވާ ފަދައިން މާޒީގައި މީހުންނާ ބައްދަލުކުރެއްވިފައިވާ ވަރު މަދުކަމަށް ވެސް ޔާމީނު ރޭ އިއުތިރާފްވެވަޑައިގެންނެވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން މިއަންނަ އާގިއުމެންޓް، ރައްޔިތުން އެދޭ މިންވަރަކަށް، ރައްޔިތުންނާ ހަމައަކަށް އަޅުގަނޑަކަށް ނުދެވޭ،" ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރުގެ ގޮތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އަމަލުކުރެއްވުނު ގޮތާ މެދު ޔާމީނު ވިދާޅުވި އެވެ. ހަމަ އެއާ އެކު އޭނާ ގަބޫލުކުރައްވަނީ އޭރު އެހެން، އެކަންވީ ހާލަތާއި އުސޫލުތައް އޮތް ގޮތުން ކަމަށެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޔާމީނާ މެދު ބޮޑެތި އުއްމީދުތަކެއް ކުރާ އެތައް ބަޔަކު ތިބޭނެ އެވެ. ހިނިތުން ވުމަކާ އެކު އުފާވެރި މޫނުފުޅަކައިގެން އެމީހުންނާ ބައްދަލު ކުރެއްވުމަކީ އޭގެ ތެރެއިން އެއް އުއްމީދެވެ.