22 Aug 2013, 10:24
ޗެމްޕިއަންސް ލީގު ކޮލިފައިންގެ ފުރަތަމަ ލެގުގައި ރޭ ތުރުކީގެ ފެނަބާޗޭއާ ދެކޮޅަށް ކުޅެ 3-0 އިން އާސެނަލް މޮޅުވެއްޖެ އެވެ.
މިސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެސްޓަން ވިލާއަތުން 3-1 އިން ބަލިވި މެޗަށްފަހު، އިސްތަންބޫލުގައި އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ނުކުރެވި ދިއުމުން އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.
ރޭގެ މެޗުގައި އާސެނަލްއަށް ފެނަބާޗޭގެ ގޯލް ހުޅުވާލަދިނީ މެޗުގެ 51 ވަނަ މިނިޓުގައި ތިއޯ ވެލްކޮޓް ތަނަވަސްކޮށްދިން ފުރުސަތަކުން ކިއެރެން ގިބްސް އެވެ. އޭގެ 13 މިނިޓުފަހުން އާސެނަލްގެ ލީޑު ފުޅާކޮށްދިނީ އާރޮން ރަމްސޭ އެވެ.
ފުރަތަމަ ހާފްގެ ކުޅުމާ ބަލާފައި ރޭގެ މެޗުގެ ދެވަނަ ހާފްގައި އާސެނަލް އިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް އަތުލާފަ އެވެ. އެގޮތުން މެޗުގެ 77 ވަނަ މިނިޓުގައި އާސެނަލްގެ ތިން ވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ އޮލިވިއާ ގިރޫޑް އެވެ. އެ ޕެނަލްޓީއަކީ ފެނަބޭޗޭގެ މައިކަލް ކެޑްލެޗް އެ ޓީމްގެ ޕެނަލްޓީ އޭރިޔާތެރެއިން ވޮލްކޮޓަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
އަންގާރަ ދުވަހުގެރޭ ލަންޑަނުގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ލެގް ހަތަރު ލަނޑުގެ ހައިރާން ކުރުވަނިވި ތަފާތަކުން ފެނަބާޗޭ މެޗު ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ގްރޫޕް ސްޓޭޖްގައި ކުޅެވޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. މެޗްފިކްސިންގެ މައްސަލައެއްގައި ފެނަބާޗޭގެ މައްޗަށް ކޯޓް އޮފް އާބިޓްރޭޝަން އިން ސްޕޯޓްސް އިން ގޮތެއް ކަނޑައަޅާނީ އެ މެޗަށް ފަހު އެވެ. މައްސަލަ ފެނަބާޗޭއާ ދެކޮޅަށް ނިމިއްޖެ ނަމަ އެ ޓީމް މުބާރާތުން ބޭރުކޮށް ދެއަހަރު ދުވަހަށް ސަސްޕެންޑް ކުރާނެ އެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނީ، ހޮނިހިރު ދުވަހު އެސްޓަންވިލާ އަތުން ބަލިވި މެޗަށް ފަހު ކުޅުންތެރިން ތިބީ ކުޑަކޮށް މާޔޫސް ވެފައި ކަމަށާއި އެހެން ނަމަވެސް ރޭގެ މެޗުން މޮޅޫވުމުން ހުރިހާ ކުޅުނމްތެރިންވެސް މިހާރު ތިބީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ.
"މެޗު ކޮންޓްރޯލްކުރީ އަހަރެމެން. ހޮނިހިރު ދުވަހުގެ މާސްޔޫސް ކަމަށްފަހު އަހަރެމެން ބޭނުންވި ވަރުގަދަ ރައްދެއް ދޭން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ މިހާރު ހުރިހާ އެޑްވާންޓޭޖެއް އޮތީ އާސެނަލްއަށް ކަމަށާއި އަދި ބުދަދުވަހުގެރޭ ކުޅެން އޮތްމެޗުން ރަނގަޅު ކާމިޔާބެއް ހޯދައިގެން ގްރޫޕް ސްޓޭޖުން ޖާގަ ހޯދާނޭ ކަމަށެވެ.