22 Aug 2013, 10:00
ވޮޝިންޓަން (އޮގަސްޓް 22): އެމެރިކާ ސަރުކާރުގެ އެތައް ހާސް ސިއްރު ލިޔެކިޔުންތަކެއް ވިކިލީކްސް އަށް ސިއްރިޔާތުގައި ފޯރުކޮށްދިން އެމެރިކާ ސިފައިންގެ މީހާ ބްރެޑްލީ މެނިންގް 35 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ޢަސްކަރީ ކޯޓަކުން ޙުކުމްކޮށްފި އެވެ.
އެ މައްސަލާގައި އެމެރިކާގެ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދުނީ މެނިންގް 60 އަހަރަށް ޖަލަށް ލުމަށެވެ. ފަސްދޮޅަސް އަހަރަށް ޖަލުގެ ޙުކުމް ދިގުކުރުމަށް ބޭނުން ވަނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރާ މިބާވަތުގެ ޢަމަލުތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަކާލާތުކުރެއްވި ވަކީލު ވިދާޅުވި އެވެ.
އެމެރިކާ ސަރުކާރުގެ އެތައް ހާސް ސިއްރު ލިޔެކިޔުންތަކެއް ވިކިލީކްސް އަށް ދިން މައްސަލައާ ގުޅިގެން ބްރެޑްލީ މެނިންގް ހައްޔަރުގައި ހުންނަތާ މިހާރު ވަނީ ތިން އަހަރާއި ހަ މަސްވެފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އިއްވި 35 އަހަރުގެ ޖަލު ޙުކުމުން ތިން އަހަރާއި ހަ މަސް އުނިކުރުމަށް ވެސް ގާޒީގެ ހުކުމްގައިވެ އެވެ. މެނިންގެ ޤާނޫނީ ވަކީލު ވަނީ މެނިންގް އާމެދު އެމެރިކާ ސަރުކާރުން މުޢާމަލާތް ކުރަމުންގެން ދަނީ ވަރަށް އަނިޔާވެރި އަދި ލާއިންސާނީ ގޮތަށް ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި އެއްވެސް މީހަކު ނުފެންނަ ގޮތަށް އޭނާ ކުޑަގޮޅީގައި ބަހައްޓާފައިވުމާއި ހަރުކަށި ޢިބާރާތުން އޭނާއާ މުޚާބަތު ކުރުމާއި އޭނާގެ ބޭނުންތަކަށް އިންސާނިއްޔަތު ކަމެއްނެތި މުޢާމަލާތްކުރުން ހިމެނެ އެވެ.
މެނިންގް ވިކިލީކްސް އަށް ފޯރުކޮށްދިން ސިއްރު ލިޔުންތަކުގެ ސަބަބުން އެމެރިކާ ދުނިޔެ އަށް ވަރަށްބޮޑަށް ބޭޒާރުވެ އެންމެ ގާތް އެކުވެރި ގައުމުތަކާ ދެކޮޅަށް ވެސް ސިއްރިޔާތުގައި އެމެރިކާ ރާވަފައިވާ އަނިޔާވެރި ރޭވުންތައް ހާމަވުމުން އެމެރިކާގެ މަކަރުވެރި ހަޤީޤަތް މުޅިދުނިޔެއަށްވަނީ ހާމަވެފަ އެވެ. ތިރީސް ފަސް އަހަރުގެ ޖަލު ޙުކުމް އިއްވިއިރު ވެސް ޝަރީޢަތުގެ މަޖިލީހުގައި މެނިންގް ހުންނެވީ ހިމޭނުންނެވެ. (ރޮއިޓާސް)