އދ. މަޖިލިސް (އޮގަސްޓް 22): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށްފުށުގެ ހިސާބުތަކަށް ކެމިކަލް ހަތިޔާރުން ޙަމަލާދީ 1300 އަށް ވުރެ ގިނަ މީހުން މަރާލި މައްސަލާގައި އެއްވެސް ފަރާތެއް ކުށްވެރިނުކޮށް ހަމައެކަނި އެކަން ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުންބަޔާނެއް ނެރެފި އެވެ.

މިބަޔާނުގައި މިކަމާ މެދު ހިތާމަކުރާ ކަމަށް ބުނެފައިވީ ނަމަވެސް މިޖަރީމާގެ ފަހަތުގައިވާ ކަމަށް ބެލެވިފައިވާ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމު ކުށްވެރިކޮށްފައެއްނުވެ އެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށްފުށުގެ ހިސާބެއް ކަމަށްވާ އިރުމަތީ ޣޫތާ ސަރަހައްދަށް ވިހަ ގޭހަކުން ހަމަލާދީ މަރާލާފައިވާ 1300 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިމައްސަލާގައި ސަލާމަތީ މަޖިލިސް އެއްވުމަށް ފަހު ރޭ ނެރުނު ބަޔާން އިއްވަމުން އެމަޖިލީހުގެ މިދައުރުގެ ރައީސާ އާޖެންޓީނާގެ މަންދޫބާ މާރިޔާ ކްރިސްޓީނާ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް މިކަމާ މެދު ކަންބޮޑުވާކަން ހާމަކުރި ކަމަށާ ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން މަނާ އަދި އެކަންކުރި ފަރާތަކަށް އަދަބު ދޭންޖެހޭ ފަދަ އަނިޔާވެރި ލާއިންސާނީ ޖަރީމާއެއްކަމަށް އެއްބަސްވި ކަމަށާއި ނަމަވެސް ސޫރިޔާގައި މިޖަރީމާ ހިންގާފައި ވަނީ ކޮންފަރާތަކުންކަން ނޭނގޭތީ ވަކިފަރާތެއް ކުށްވެރިކުރަން ސަލާމަތީ މަޖިލީހުގެ ބައެއްމެންބަރުން ދެކޮޅު ހަދާފައިވާ ކަމުގަ އެވެ.

ދިމިޝްޤުގެ ރަށްފުށުގެ ހިސާބެއް ކަމަށްވާ އިރުމަތީ ޣޫތާ ސަރަހައްދަށް ވިހަ ގޭހަކުން ހަމަލާދިނީ ސޫރިޔާގެ ސިފައިންކަމަށް އިދިކޮޅު ހަނގުރާމަވެރިން ތުހުމަތުކުރާ އިރު ސޫރިޔާ ސަރުކާރުން ބުނެފައި ވަނީ މިއީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ޢަމަލެއް ކަމުގަ އެވެ. މިޖަރީމާ ހިންގާފައި މި ވަނީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކުރަމުން ގެންދާ މައްސަލަ ބަލައި ތަޙްޤީޤްކުރާ ޓީމެއް ސޫރިޔާ އަށް ގޮސް މަސައްކަތްކުރަމުންގެންދާ ވަގުތެއްގަ އެވެ.
މިޓީމުގެ ބޭފުޅުން ވަނީ ބައްޝާރުގެ ސަރުކާރުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރަމުން ގެންދާ މައްސަލާގައި ސަލާމަތީ މަޖިލީހަށް މަޢްލޫމާތު ދެއްވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ޔާން އިލްޔާސަން ވިދާޅުވީ ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ކެމިކަލް ހަތިޔާރު ބޭނުންކުރަމުން ގެންދާ މައްސަލައިގެ ޙަޤީޤަތް އަދި ހޯދިފައިނުވާ ކަމަށާ މިހަތިޔާރު ބޭނުންކުރަނީ ކޮންފަރާތަކުންކަން ތަހްޤީޤްތަކުން އެއްވެސް ވަރަކަށް ކަށަވަރުނުވާ ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސޫރިޔާއަކީ ދުނިޔޭގައި ކެމިކަލް ހަތިޔާރުގެ ސްޓޮކް އެންމެ ބޮޑު އެއްގައުމެވެ. އިސްރާއީލުގެ ނިއުކްލިޔާ ހަތިޔާރާ ބެލެންސް ކުރުމަށް ޓަކައި ސޫރިޔާ އިން އީރާނާއި ރަޝިޔާގެ ފަންނީ އެހީގައި ގިނަ އަދަދަކަށް ކެމިކަލް ހަތިޔާރު އުފައްދާފައިވާ ކަމަށްވެ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ދާދިފަހުން ވަދެގަނެގެން އުޅޭ އަލްޤާޢިދާގެ ހަނގުރާމަވެރިންނަކީ ގޮތްނޭނގޭ ބަޔަކަށްވާ އިރު އެމީހުންގެ ކިބާގައި ވިހަ ބައެއްގޭސްތައް އުފެއްދުމުގެ ޤާބިލްކަން ހުރިކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސޫރިޔާ ސަރުކާރަކީ ވެސް ރައްޔިތުންނާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރު ވެސް ބޭނުންކުރަން ފަސްނުޖެހޭ ބާވަތުގެ ހަރުކަށި އަނިޔާވެރި ސަރުކާރެއްކަން އެސަރުކާރުގެ އަނިޔާވެރި އަމަލުތަކުން ދުނިޔެއަށް ވަނީ ހާމަވެފަ އެވެ. (އަލްޖަޒީރާ)