ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު ފެންނަނީ ފީނިފީންޏަށް ރިޔާސީ ކެންޑިޑޭޓުން ރައްޔިތުންނަށް ވަޢުދު ވަމުން އަންނަމަންޒަރެވެ. ރައްޔިތުންގެ ވިންދާއި ހާލަތު އެނގިވަޑައިގެންނަވާ ކަމަށް ވިދާޅުވެ ބޮޑެތި ހުވަފެންތައް ދައްކަމުންދާ މަންޒަރެވެ. ނަމަވެސް ރައްޔިތުން ބޭނުން ވަނީ ކޮން ކަމެއްކަން އެބޭފުޅުންނެއްކަން އެނގިވަޑައިގެންނަވާ ކަމާ މެދު ސުވާލު އުފެދެ އެވެ.

ތަފާތުއެކި ކަންކަމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމަށް ރައްޔިތުން ދާން ޖެހޭއިރު މިއަދު އެއް ވެސް މުއައްސަސާއަކަށް އެ ރައްޔިތުން އިތުބާރެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގާނޫނުތައް އެނެމެ އެދެވޭ ގޮތެއްގައި ފާސްކުރަމުން ނުދާތީ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ގެއްލިފަ އެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ތަފާތު ކުށް ކުށުގެ ތުހުމަތުތައް ކުރެވެމުންދާއިރު އެއިން ބޭފުޅަކާ މެދު ފިޔަވަޅު އެޅޭތަނެއް ނުފެނެ އެވެ. ޖިނާއީ ބޮޑެތި ކުށްތަކާއި ބަދުއަޙްލާގީ އަމަލުތަކުގެ މައްސަލަތަކުގައި އާންމު ރައްޔިތުންނަށް ތަފާތުއެކި އަދަބުތައް ދެމުންދާ އިރު ހަމަ އެފަދަ ކަންކަމުގައި ބައެއް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅޭ ތަނެއް ނުފެނެ އެވެ. އެކަމުގެ ސަބަބުން ޝަރުއީ ދާއިރާ އިން ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތެވެ. ފެންނަނީ ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކަށް ލިބިވަޑައިގެންފައިވާ ބާރުތައް ބޭނުން ކޮށްގެން އެ ބޭފުޅެއްގެ ގޮނޑި ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ.

ރައްޔިތުންގެ ކުރިމަތީގައި "ތިމަންނާމެންނަކީ އެންމެ ބާރުގަދަ މީހުންނޭ ތިމަންނާ މެންގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމޭ އެ ނިންމުންތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ހުރިހައި ރައްޔިތުން ތަބާވާން ޖެހޭނޭ،" ބުނަމުން އައި ސުޕްރީމް ކޯޓު ވެސް މިއަދު މިވަނީ ފަޅާފައިވާ ބޯކިބަލެއްހެން ދެ ފަޅިއަށް ފެޅިފަ އެވެ. ރާއްޖޭގައި ބަދުއަހުލާގީ އަމަލުތައް އިތުރުވެފައިވާ ދުވަސްވަރެއްގައި އެފަދަ ތުހުމަތު ކުރެވޭ ފަނޑިޔާރެއް އެ ކޯޓުގައި އެބަ އިންނެވި އެވެ. އެހެންވީމާ ގިނަ ބަޔަކު މިއަދު ސުޕްރީމް ކޯޓަކަށް އެއް ވެސް އިތުބާރެއް ނުކުރެ އެވެ. އެ ކޯޓުން ނިންމާ އެއް ވެސް ނިންމުމެއް ވެސް ރައްޔިތުން ގަބޫލުކުރާކަށް ބޭނުމެއްނުވެ އެވެ.

"ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނާ މެދު ފިޔަވަޅެއް ނޭޅިވާ ސަބަބަކީ ޝަރުއީދާއިރާ ފެއިލްވެފައިވުން. މުޅި ނިޒާމް މިވަނީ ފެއިންވެފައި. ޝަރުއީ ދާއިރާގެ ނިޒާމާ މެދު އިތުބާރެއް ނެތް. އެހެންވީމާ ޝަރުއީ ދާއިރާ ފެއިލްވެފައިވުމުން އަދި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ނިޒާމަކުން ނެރޭ ހުކުމްތަކެއް ވެސް ތަންފީޒެއް ނުވާނެ. ރައްޔިތުން އިތުބާރު ނުކުރެވޭ ނިޒާމަކުން ނެރޭ ހުކުމްތަކެއް ތަންފީޒް ކުރެވޭނެ ޖާގައެއް ނޮއޮންނާނެ،" ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސެން ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެން ދިއުމަކީ ރާއްޖެ ޑިމޮކުރެސީ އަށް ކުރާ ދަތުރަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އަމަލު ކުރަމުންދަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ބޭރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި މި އޮންނަނީ ރާއްޖޭގައި ސުޕްރީމް ކޯޓެއް ހުންނަން ޖެހޭނެ ކަމަށް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަރާތަކީ އައްތަމަ ފަނޑިޔާރު، އެހެން ވީމާ އުއްތަމަ ފަނޑިޔާރު ވަކިކަމާ ގުޅިގެން ބަޔާނެއް ނެރުއްވީމަ އެހެން ބަޔަކަށް އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބަޔާނެއް ނުނެރެވޭނެ. ސުޕްރީމް ކޯޓުގެ ނަމުގައި އެހެން ބަޔަކަށް ބަޔާނެއް ނުނެރެވޭނެ. އެހެންވީމާ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ސުޕްރީމް ކޯޓުގެ ނަމުގައި އަމުރު ނެރުއްވި ހަތަރު ފަނޑިޔާރުންނާ މެދު ޖޭއެސްސީން ފިޔަވަޅު އަޅަން ޖެހޭނެ. އެކަން ކުރެވޭކަށް ނެތް. އަދި އަބްދުﷲ ސައީދު މީޑިއާގައި ވާހަކަ ދެއްކުމަކީ ވެސް ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަމެއްނޫން. އެހެންވީމާ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް މީޑިއާގައި ވާހަކަ ދައްކައި ސުޕްރީމް ކޯޓުގެ އުސޫލްތަކާއި ގާނޫނުތަކާއި ހިލާފަށް އަމަލު ކުރެއްވި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ޖެހޭނެ،" އަލީ ހުސެން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންގެ ހެޑް ހަނީފާ ހާލިދާ ބެހޭ ގޮތުން އަލީ ހުސެން ވިދާޅުވީ ގާނޫނީ ވަކީލަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު މިހާރު ހަނީފާ އާ ދޭތެރޭ އެޅެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ގާނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ހިލާފްވުމުން އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ބަޔަކީ ސުޕްރީމް ކޯޓް ކަމަށާއި އެތަން މިހާރު ވަނީ ދެ ފަޅި އަށް ބެހިފައި ކަމަށެވެ. އިތުބާރު ގެއްލި އިންސާފުން ބޭރުން އަމަލު ކުރަމުންދާ ފަނޑިޔާރުގެއަކުން ގާނޫނީ ވަކީލުންނާ ދޭތެރޭ ފިޔަވަޅު އެޅިދާނެ ކަމަށް ދެކެވަދައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކޮމިޝަންގެ މުވައްޒަފަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އެ ކޮމިޝަނަށް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ބަންޑާރަނައިބް ހުސްނު ސޫދު ވިދާޅުވީ ބަރަހަނާ ވީޑިއޯއެއްގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރު އަލީ ހަމީދު އޭނާގެ މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. އެއީ ޖުޑިޝަރީގެ ކަރާމަތާއި ރައްކާތެރިކަން ދަމަހައްޓައި ރައްޔިތުންގެ އިތުބާރު ޖުޑިޝަރީއަށް ހޯދުމަސްޓަކައި އަދި ސުޕްރީމް ކޯޓުގެ ހައިބަތު ދެމެހެއްޓުމަށް ޓަކައި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި ވެސް އަލީ ހަމީދު އިސްތިއުފާ ދޭން ޖެހޭ ކަމަށް ވެސް ސޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖުޑިޝަރީ އަށް މިއީ ވަރަށް ބަނަ ދުވަސްވަރެއް. ހާއްސަކޮށް ހާއްސަކޯށް ބަރަހަނާ ވީޑިއޯއެއްގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު ސުޕްރީމް ކޯޓުގައި ހުރުމަކީ އެ ކޯޓުގެ ކަރާމާތް ގެއްލިގެންދާނެ ކަމެއް. އަދި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އިސްފާވެރިކަމާ އެކު ނިންމާ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ހޯދައި ދިނުމަށް ޓަކައި ވެސް އަލީ ހަމީދު އިސްތިއުފާ ދޭން ޖެހޭ،" ސޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ބައެއްފަރާތްތަކުން އަލީ ހަމީދު ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ބަމުންދާ އިރު ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލަތައް ބަލަން އަލީ ހަމީދު އިންނެވުމަކީ ނިންމާ ނިންމުންތަކާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ މައްސަލައާ ގުޅިގެން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން ނެރެފައިވާ އަމުރަކަށް ވާތީ އެ އަމުރު ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެއް ވެސް ބަޔާނެއް ވެސް ނެރެވޭނީ އުއްތަމަ ފަނޑިޔާރުގެ ހުއްދަ ލިބިގެން ކަމަށާއި އެނޫން ގޮތަކަސް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޫއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސީއެސްސީ އަށް އައްޔަން ކުރައްވާފައިވާ މެންބަރު އެ ކޮމިޝަނަށް އައްޔަން ކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ޢެކަން ކުރެއްވޭނެ ކަމަށެވެ.

ހަގީގަތަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި އަދި އެހެން ސިޔާސީ ފަރާތްތަކުން ދައުލަތުގެ މުއްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު ހޯދައިދޭން ޖެހޭނެ ކަމެވެ. ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ މީހުން ދައުލަތުގެ އިސް މަގާމްތަކުން ދުރުކުރެވޭނެ ހަމަތަކާއި އުސޫމްތައް އަދި އެކަންކަން ކުރާނެ ކަމުގެ ޔަގީންކަން ބަހާއި އަމަލުން ދައްކަން ޖެހޭނެ އެވެ.

ކިތަންމެ ގިނަ ވަޢުދެއް ވިޔަސް މޮޅު ގޮތަކަށް މެނިފެސްޓޯ ހެދިޔަސް ޖިނާއި ބޮޑެތި ތުހުމަތު ކުރެވޭ އަދި ބަދުއަހުލާގީ އަމލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅުން ޝަރުއީ ނިޒާމާ ދައުލަތުގެ މުއައްސަސާތަކުން ބޭރު ނުކުރަނީސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލިބޭނެ އިތުބާރެއް ވެސް ނެތެވެ.