22 Aug 2013, 09:39
ޗައިނާގެ ނަންޖިންގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސް އެތުލެޓިކްސް 200 މީޓަރު ދުވުމުގެ ތިން ވަނަ ހީޓްގައި ވާދަކޮށް ރޭސް ތިން ވަނަ އަށް ނިންމައި ހުސައިން ޝަހުދާން ފަހުމީ ސެމީ ފައިނަލަށް ކޮލިފައި ވެއްޖެ އެވެ.
ދުއިސައްތަ މީޓަރު ދުވުމުގެ ތިން ވަނަ ހީޓްގައި އަށް އެތުލީޓުންނާއި ވާދަކޮށް ޝަހުދާން ތިން ވަނަ އަށް ރޭސް ނިންމީ 22.94 ސިކުންތުންނެވެ. މިއީ ޝަހުދާންގެ ޕާސަނަލް ބެސްޓެވެ. ޝަހުދާންގެ ފަހަތުން ރޭސްނިންމި އެތުލީޓުންގެ ތެރޭގައި މަކާއޯ، އޮމާން، އީރާން އަދި ބަންގްލަދޭޝްގެ އެތުލީޓުން ހިމެނެ އެވެ.
މީގެ އިތުރުން އަންހެންކުދިންގެ 200 މީޓަރު ދުވުމުގައި ހަ އެތުލީޓުންނާއެކު ވާދަކުރި ރާއްޖޭގެ އާއިޝަތު ސަރާ 28.71 ސިކުންތުން ރޭސް ނިންމީ ހަ ވަނަ އަށެވެ. މިއީ ސަރާގެ ޕާސަނަލް ބެސްޓެވެ.
ރާއްޖެ ގަޑިން ރޭ ފެށި ފިރިހެން ކުދިންގެ 200 މީޓަރު ދުވުމުގެ އެއް ވަނަ ހީޓްގައި ވާދަކުރީ އަލީ އަނާލް އެވެ. ފަސް އެތުލީޓުންނާއެކު ފެށި މިދުވުން ހަތަރު ވަނަ އަށް އަނާލް ނިންމީ 23.76 ސިކުންތުންނެވެ. މިއީ އަނާލްގެ ޕާސަނަލް ބެސްޓެވެ.