17 Nov 2010, 11:34
މެލޭޝިއާ ގައި ބާއްވާ އިމާމުން ތަމްރީން ކުރުމާ ބެހޭ ކޯހެއްގައި ބައިވެރިވުމަށް ރާއްޖޭގެ 28 އިމާމަކު މެލޭޝިއާ އަށް ފުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އެ ކޯހަކީ މި ނޮވެންބަރު މަހުގެ 22 ން އަންނަ ޑިސެންބަރު 4 ގެ ނިޔަލަށް މެލޭޝިއާގެ އިސްލާމިކް ޓްރޭނިންގ އިންސްޓިޓިއުޓް އިލިމްގައި ބާއްވާ އިމާމް ޕްރޮފެޝަނަލިޒަމް ކޯހުގެ ނަމުގައި ބާއްވާ ކޯހެއް ކަމަށެވެ. އަދި އެކޯހުގައި ރާއްޖޭގެ އިމާމުން ބައިވެރިކުރުމަށް ލިބުނު ފުރުސަތުގައި 28 އިމާމުން ހޮވުމަށްފަހު މިމަހުގެ 19 ވަނަ ދުވަހު އެމީހުން މެލޭޝިއާ އަށް ފުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" އިމާމުން ހޮވުމުގައި ބަލާފައިވާނީ އިޢުލާން ކޮށްގެން ބައިވެރިވި އިމާމުންގެ ތެރެއިން ޝަރުތު ހަވަވި ފަރާތްތަކަށް." އަހްމަދުﷲ ވިދާޅުވި އެވެ.
އެ ކޯހުގައި ބައިވެރިވާ އިމާމުންނަށް މެލޭޝިއާގައި ތިބުމާއި ކެއުމުގެ ހަރަދު "ޢިލިމް" އިން ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މެލޭޝިއާ އަށް ދިއުމުގެ ދަތުރު ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އެބައިވެރިއަކު އަމިއްލައަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
މިކޯހުގައި މިދިޔަ އަހަރުވެސް އެ މިނިސްޓްރީން ވަނީ ބަޔަކު ބައިވެރިކޮށްފަ އެވެ. ޕްރޮފެޝަނަލިޒަމް ކޯހަކީ މެލޭޝީއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިވެގެން ލިބެމުންދާ ކޯސްތަކެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.